އިޓަލީގެ ނޭޕަލްސްގެ މަގުތައް އޮތީ ފުރި ބާރުވެފައެވެ. ކުދިބޮޑު އެންމެން މަގުތަކުގައި އުފާ ފާޅުކުރަމުން ދިޔައީ ލަވަ ކިޔުމާއި ނެށުމާއެކުގައެވެ. އެކަކު އަނެކެއްގެ ގައިގައި ބައްދަމުން ދަނީ އުފާވެރިކަމުގެ ކަރުނައާއެކުގައެވެ. އެތައް ކުދިންނެއް މަގުތަކުގައި ކުޅެ، މަޖާ ނަގަމުންދަނީ އީދެއް ފަދައިންނެވެ. ނަޕޯލީގެ ދިދަތައް ވިހުރުވެމުންދެއެވެ. ޕިއްޒާތަކާ އެކު ސްކޫޓަރުތައް ކޮޅުކޮޅު މައްޗަށް ދުއްވާ މަންޒަރުވެސް ތަފާތެވެ. ހަވާ ފަޓާހުގެ އަޑުން މުޅި ސިޓީ އެކީ ދިޔައީ ދިއްލެމުން، ގުގުމަމުންނެވެ.

އެއީ ނޭޕަލްސްގެ މަގުތައް އޮތް ހާލަތު ސިފަކޮށްދެނުން "ބީބީސީ ސްޕޯޓްސް"ގެ ސޯފިއާ ބެޓީޒާ ކިޔައިދީފައިވާ ވާހަކަތަކެކެވެ. އެކަމުގެ ސަބަބަކީ އިޓަލީގެ ފުޓުބޯޅަ ޗެމްޕިއަންކަން، 33 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ރޭ ނަޕޯލީން ހޯދުމެވެ. އުޑިނޭސީއާ ދެކޮޅަށް ރޭ ނަޕޯލީން ލީގުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުމާ އެކު އިޓަލީގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ނަޕޯލީއަށް ޔަގީންވިއެވެ. ނޭޕަލްސްގެ ރައްޔިތުންގެ އެތައް ޖަޒުބާތެއް އެވަގުތު ބަންޑުން ކޮށްލިއެވެ. އުޑިނޭސީގެ ދަނޑު މައްޗަށް އަރައި ކުޅުންތެރިން ގައިގައި ބައްދައި، ދިދަތަކާ އެކު އުފާފާޅުކުރިއެވެ. ކްލަބު ލެޖެންޑް، އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާގެ ތަސްވީރު ޖެހި ސްކާފުތަކާ އެކު އެތައް ބަޔަކު ދަނޑު މައްޗަށް އެރީ އުފަލުން ރޮމުންނެވެ. ކުޅުންތެރިން ޓަނަލް ތެރެއަށްވެސް ނުވަދެވުނެވެ. ޖަޒުބާތާއި އަސަރު ރޭގެ ފަހު ކަށިގަނޑާއެކު ވެސް ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.

"އަހަރެމެންގެ ހިތްތަކުގައި އޮތީ އެންމެ ހުވަފެނެއް. އެއީ ނަޕޯލީ އަލުން އިޓަލީގެ ޗެމްޕިއަނަކަށްވުން،" ހުރިހާ ސަޕޯޓަރުން ރޭގެ މެޗަށްފަހު އެއް އަޑަކުން ގޮވަމުން ދިޔައީ މިހެންނެވެ.

ރޭގެ މެޗަކީ ނަޕޯލީން ރަށުން ބޭރުގައި ކުޅުނު މެޗެއް ނަމަވެސް، އެ މެޗު ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމުގައި އެތައް ސަޕޯޓަރުންނެއް ބަލަމުން ދިޔައެވެ. ބޮޑު ސްކްރީނުގައެވެ. މެޗުގެ ނަތީޖާއާ އެކު އުޑިނޭސީގެ ސްޓޭޑިއަމާއި މަރަޑޯނާ ސްޓޭޑިއަމް އެކުގައި ކެކިގެން އެރިއެވެ. އެތައް ޒުވާން ކުދިންނަކަށް މިއީ ފުރަތަމަ ފަހަރެވެ. އިޓަލީގެ ޗެމްޕިއަނުންނަށް ނަޕޯލީ ވާނެ ދުވަހަކަށް ކުރި އިންތިޒާރަށް ނިމުން އައުމާ އެކު ހިފެހެއްޓުމެއް ނެތް ޖަޒުބާތު އެ ކުދިންގެ ފަރާތުންވެސް ފެނިގެން ދިޔައެވެ.

"އަހަންނަށް ރުއިން ހުއްޓައެއް ނުލެވުނު. މިއީ ތާރީހީ ވަގުތު ކޮޅެއް. މިއީ އަހަރެން ހަޔާތުގައިވެސް ނޭޕަލްސްއަށް އައި އެންމެ އުފާވެރި ދުވަސް،" އުމުރުން 13 އަހަރު އެޑޮއާޑޯ ނާޕާ "ބީބީސީ ސްޕޯޓްސް" އަށް ބުންޏެވެ.

ނޭޕަލްސްގެ ކޮންމެ ރައްޔިތަކީވެސް ފުޓުބޯޅައާ އެކު ދިރިއުޅޭ ރައްޔިތެކެވެ. އެ ސިޓީގެ ދިރުމަކީ ފުޓުބޯޅައެވެ. އެކަން ރޭގެ މަންޒަރުތަކުން ސާފެވެ. ނޭޕަލްސްގެ "ޕާޓީ" މެދުކެނޑުމެއް ނެތި ދުވަސްތަކަކަށް ކުރިއަށް ދާނެކަން ޔަގީނެވެ. ނޭޕަލްސްގެ އެ އުފާވެރި މަންޒަރުތައް ބަލައިލުމަށް ރޯމް އާއި މުޅި އިޓަލީންވެސް އެތައް ބަޔަކު ދިޔައެވެ. ފްރާންސާއި ސްޕެއިންގެ އިތުރުން އިނގިރޭސިވިލާތުންވެސް ނޭޕަލްސްގެ "ޕާޓީ" އިހުސާސްކޮށްލަން އެ ސިޓީއަށް ގޮސްފައިވެއެވެ. އެއީ ފުޓުބޯޅައިގެ ޖަޒުބާތު އެންމެ ގާތުން އިހުސާސް ކޮށްލުމަށެވެ. ފުޓުބޯޅައިގެ ހަގީގީ އަސަރު ހަމަ ލޮލުން ބަލައިލުމަށެވެ.

ނޭޕަލްސްގެ ރެސްޓޯރަންޓްތަކާއި ބިލަބޯޑުތަކުންވެސް އެންމެ އާންމު މޫނަކީ އަދިވެސް މަރަޑޯނާއެވެ. 2020 ވަނަ އަހަރު މަރަޑޯނާ މަރުވުމާއެކުވެސް ނޭޕަލްސްއިން މަރަޑޯނާއަށް ހާއްސަ ގަދަރެއް ދީފައިވާ އިރު، އަދިވެސް ސައިކަލުތަކާއި ކާރުތަކުންވެސް އޭނާގެ ސްޓިކާތައް ފެނެއެވެ. ބޮޑެތި މަގުބަރާތަކާއި ފާރުތަކުގައިވެސް މަރަޑޯނާގެ ކުރެހުންތައް ކުރަހާފައިވެއެވެ. ސިޓީގެ އެންމެ ބޮޑު ޝަރަފުވެރިޔަކީ އޭނާއެވެ. ނޭޕަލްސްގެ ރައްޔިތުންނަށް އެފަދަ ދެވަނަ ޝަހުސިއްޔަތެއް ނެތެވެ. އެއީ ފުޓުބޯޅައިގެ ހަނދާންތަކުން ގެނެސްދިން ހާއްސަ ކަމެކެވެ.

ރޭގެ ތަށިވެސް އެތައް ރައްޔިތުންނެއް ހާއްސަ ކުރަނީ މަރަޑޯނާއަށެވެ. 33 އަހަރު ކުރިން 1990 ވަނަ އަހަރު މަރަޑޯނާގެ މޭސްތެރިކަމުގައި ލީގު ތަށި ހޯދި ފަހުން، ރެއާ ހަމައަށް ކްލަބުގެ އެތައް ސަޕޯޓަރުންނެއް ކުރީ ދިގު އިންތިޒާރެކެވެ. ރޭގެ ތަށްޓާއެކު މަރަޑޯނާގެ މަގުބަރާތައް ވަނީ މާތަކުން ފުރާލައިފައެވެ.

"މަރަޑޯނާ ވެދާނެ އެއީ މީހުން އެންމެ ބޭނުންވާ ކަހަލަ ޝަހުސިއްޔަތެއް ނޫން ކަމަށް. އެކަމަކު ނޭޕަލްސްގެ ރައްޔިތުންނަށް އޭނާ އަހަރުތަކެއް ވަންދެން ދެއްކި ޖާދޫ، އެ ރައްޔިތުން ހަނދާނުން ނުފިލާނެ. އެއީ 'މެޖެސްޓިކް' ކުޅުންތެރިއެއް. އޭރުގެ ވާހަކަތަކަކީ ނޭޕަލްސްގެ ރަމްޒު. މަރަޑޯނާ ވަނީ ނޭޕަލްސްއާ ހިތާއި ހިތުން ގުޅިފައި،" ޔޫރަޕްގެ ފުޓުބޯޅަ ތަޖުރިބާކާރެއް ކަމަށްވާ މިނާ ޒޫކީ ބުންޏެވެ.

ކުރީގެ ހަނދާންތަކަށް ޖެހިލަމާ ހިނގާށެވެ. 1990 ވަނަ އަހަރު މަރަޑޯނާ ނަޕޯލީއާ އެކު ހޯދި ތަށި ހާއްސަވި އެއް ސަބަބަކީ އޭރު ސިޓީ އޮތް ހާލަތެވެ. އޭގެ ބައެއް އަހަރުތައް ކުރިން އިޓަލީއަށް އައި ވަރުގަދަ ބިންހެލުމެއްގައި މުޅި ސިޓީ އެއްކޮށް ވީރާނާވެގެން ގޮސް، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެ ހިތި ހަނދާންތަކަށް ފަސްލުމަށް ނޭޕަލްސްގެ ރައްޔިތުން ހިތްވަރު ހޯދީ ފުޓުބޯޅައިންނެވެ. އެއީ މަރަޑޯނާ ހޯދައިދިން ލީގު ތަށިންނެވެ. އެ ފަހުން 33 އަހަރުގެ އިންތިޒާރަށް ނިމުން އައިސް، ރޭ ހޯދި ތަށްޓާއެކު ފަސް އަޅައި ފޮރުވުނީ ކްލަބުގެ ހިތި ދުވަސްތަކެވެ. ނަޕޯލީއަށް ކުރިމަތިވި ބޮޑެތި ގޮން ޖެހުންތަކެވެ.

"މަރަޑޯނާ ތަށި ހޯދި އިރު އެއީ ތަފާތު ހާލަތެއް. ސިޓީ އެއްކޮށް އޮތީ ފަގީރުކަމުގައި. މަރަޑޯނާ މި ސިޓީއަށް ހޯދައިދިނީ ދިރުން. މިއަދުގެ ހާލަތު ތަފާތު. ނަޕޯލީގެ މައްސަލަތައް މިދިޔަ އަހަރުތަކުގައި ބޮޑު ނަމަވެސް، މިހާރު މި ސިޓީއަކީ ޔޫރަޕާއި އެހެން ގައުމުތަކުންވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ވަރުގަދަ ސިޓީއެއް. ސިޓީއަށް ނުލިބި އޮތީ ފުޓުބޯޅައިގެ އުފަލެއް. އެ ލިބިއްޖެ ރޭގައި،" ނަޕޯލީގެ ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށްމާ މަސިމޯ ރޮމާނޯ ބުންޏެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ލީގު ތަށްޓަށްފަހު ނަޕޯލީން ކަނޑައްތު ކުރީ ފަސޭހަ ދަތުރެއް ނޫނެވެ. ފައިސާގެ އެތައް މައްސަލަތަކެއް ކްލަބަށް ދިމާވިއެވެ. ބަނގުރޫޓުވެސް ވިއެވެ. ފައިސާގެ ހިންގުން ގޯސްވެ، އިޓާލިއަން ސެރެއާ ސީ އާ ހަމައަށްވެސް ވެއްޓުނެވެ. އެއީ އިޓަލީގެ ޕްރޮފެޝަނަލް ލީގު ފޯމެޓްގެ އެންމެ ދަށް ފަންތިއެވެ. އެހާލަތުން އަރައި ގަތީ 2004 ވަނަ އަހަރު ފެށި ތަފާތު ދަތުރަކުންނެވެ.

ހާލަތު ބަދަލުކޮށްލަ ދިނީ އޮރޭލިއޯ ޑި ލޮރެންޓީސްއެވެ. އިޓަލީގެ ފިލްމް ޕްރޮޑިއުސަރެކެވެ. އޭނާ ނަޕޯލީ ގަނެ. އެ ކްލަބަކީ ޒަމާނީ ނިޒާމެއްގެ ކްލަބަކަށް ހަދަން މަސައްކަތް ފެށިއެވެ. ހާއްސަކޮށް އޭނާ ކުރި އެއް ކަމެއް އެބައޮތެވެ. އެއީ ކްލަބަކީ ސިޓީގެ ރަމްޒެއް ކަމަށް ހެދުމެވެ. އޭނާ ފުރަތަމަވެސް ހޯދީ މުޅި ސިޓީގެ ލޯތްބެވެ. ނޭޕަލްސްއަކީ ނަޕޯލީއެވެ. ނޭޕަލްސްގެ ރަމްޒަކީ ނަޕޯލީއެވެ. ނޭޕަލްސްގައި ނަޕޯލީއާ މެދު ހިތާއި ހިތުގެ ގުޅުމެއް އުފެއްދިއެވެ. އެ ނަތީޖާ މިހާރު އެދަނީ ފެންނަމުންނެވެ.

އިޓަލީގައި އޮންނަ ސަގާފަތުގެ ގޮތުން، ދެކުނާއި އުތުރަށް އޮންނަ ތަފާތު ކުރުން ބޮޑެވެ. އިޓަލީގެ މުއްސަނދިންގެ ހިސާބަކީ އުތުރެވެ. ދިރިއުޅުމުގެ ވައްޓަފާޅިވެސް އުތުރުގައި މާ ބޮޑަށްވެސް ތަފާތެވެ. އެއީ ވަޒީފާ އާއި އާމްދަނީގެ މައި ހަބުތައް އެކުލެވޭ ސަރަހައްދުތަކެވެ. އެ ސަބަބާ ހެދި ނޭޕަލްސް ނިސްބަތްވާ ދެކުނު ސަރަހައްދުގެ ޒުވާނުން އަބަދުވެސް އޮންނަނީ ހިޖުރަ ކުރަން ޖެހިފައެވެ. ދިރިއުޅުން އުތުރަށް ބަދަލުކޮށްގެން ނޫނީ ޒުވާން ޖީލަށް ފައިސާގެ މަގެއް ނުހޯދި އޮތް އޮތުމަކީ ތާ އަބަދު، ދެކުނުން ރައްދު ދޭން ބޭނުންވެފައި އޮތް މައްސަލައެކެވެ. އިޓަލީގެ ބައެއް ނޫސްވެރިންގެ ނަޒަރުގައި މިއީ ސޯޝަލް ރައްދެކެވެ. ތަށްޓަކީ އެކަމަށް މަޑު ޖެހުމެއް ގެނުވާނެ ދެކުނަށް އިޖުތިމާއީ ކާމިޔާބެކެވެ.

"އާންމުކޮށް ނެޕޮލިޓަންސް (ނޭޕަލްސްގެ ރައްޔިތުން)، ހާއްސަކޮށް ޒުވާނުންނަށް އާއްމުދަނީ ހޯދަން އުތުރު އިޓަލީއަށް ހިޖުރަކުރަން ޖެހޭނެ. އެއީ އެކަން އާންމުކޮށް އޮންނަ ގޮތް. އެހެންވީމަ އެ ޖީލަށް، ލީގު ތަށްޓަކީ ތާރީހީ ބަދަލުހިފުމެއް. އެއީ އިޖުތިމާއީ ގޮތުން ދިން ބޮޑު ރައްދެއް. ރޯމް އަށްވުރެ ދެކުނުން ކޮންމެ ސިޓީއަކަށް ލީގު ލިބުނަސް އެއީ އަބަދުވެސް ކާމިޔާބެއް. އެއީ މިލާނާއި ޓުރިންގެ ސިޓީއަކަށް 10 ތަށްޓަށްވުރެ ވެސް އަގުހުރި ތަށްޓަކަށްވާނެ،" ނަޕޯލީ ޓުޑޭގެ ނޫސްވެރިޔާ ފްރާންކޯ ރޮމާނޯ ބުންޏެވެ.

އިޓަލީ ލީގު، މިދިޔަ 30 އަކަށް އަހަރު ޑޮމިނޭޓް ކުރީ "އުތުރުގެ ސުޕަ ޕަވާސް،" ކަމަށްވާ ޔުވެންޓަސް އާއި މިލާންގެ ޓީމުތަކުންނެވެ. އެ ޓީމުތަކަކީ ފައިސާގެ ގޮތުން ތަނަވަސް ޓީމުތަކުގެ ގޮތުގައި އަބަދުވެސް ބެލެވިފައި އޮންނަ ވަރުގަދަ ޓީމުތަކެވެ. އެހެންކަމުން މިއީ "އަންޑަޑޯގް" ޓީމުން ނެގި ލީގެކެވެ.

މާބޮޑު ހަރަދަކާ ނުލައި، ތަފާތު ވިސްނުމެއްގައި ކުޅުންތެރިން ހޯދައިގެން ނެގި ލީގު ތަށްޓެކެވެ. އެންމެ އާދައިގެ ލީގުތަކުން، އާދައިގެ ކްލަބުތަކުން ހޮވާލައިގެން ކުޅުންތެރިން ގެނެސް ތައްޔާރު ކުރި ނުރައްކާތެރި ސްކޮޑުތަކުން ނެގި ލީގެކެވެ. ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު މުހިއްމު އެތައް ކުޅުންތެރިންނެއް ބޮޑު އަގުގައި ވިއްކާލައިފައި ހޯދި ފައިސާއިން ރަނގަޅު އިންވެސްޓެއް ކޮށް، ނަޕޯލީން ނޭޕަލްސް ހެއްވާލީއެވެ.