ހުޅުމާލެ ބީޗު ސަރަހައްދަކީ އާންމުންނަށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްމަށް އާބަންކޯއިން އެދިއްޖެއެވެ.

އާބަންކޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ހުޅުމާލެ ޒަމާނީ ތަނެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނައިރު، އެންމެ ބޮޑު އިސްކަމެއްދެނީ ހުޅުމާލޭގައި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، އާންމުންނަށް ހިތްފަސޭހަ އަދި ހިތްގައިމު މާހައުލެއް ބިނާކުރަން ކަމަށެވެ.

އެ ކުންފުނިން ބުނީ މާލޭ އޭރިއާއަށް ބަލާއިރު ހުޅުމާލެއަކީ އެންމެ ޖާގަ ތަނަވަސް ބީޗެއް އޮތް ތަން ކަމަށާއި އެހެންކަމުން މާލޭގެ ބީޗު ސަރަހައްދުގައި އެ ކުންފުނީގެ ފަރާތުން ވާނީ އާންމުންގެ ހިތްހަމަޖެހުމަށް އަދި އާންމުން ބޭނުންވާ ފަދަ އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދީފައި ކަމަށެވެ.

ހުޅުމާލޭގައި ބީޗުގައި އާންމުންގެ ހިތްފަސޭހަކަމަށް ކެފޭ، ޓޭކްއަވޭ ޝޮޕްސް، އަދި ވަކިން ހާއްސަކޮށް ވޯޓާސްޕޯޓްސް ވިޔަފާރިއަކީ ހިންގަމުން އަންނަ ކަމަށާއި އެފަދަ ވިޔަފާރިތަކަށް ބީޗު ސަރަހައްދުން ޖާގަ ދީފައިވަނީ ވަކި އުސޫލެއްގެ ދަށުން ކަމަށް އާބަންކޯއިން ބުންޏެވެ. ނަމަވެސް ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ވިޔަފާރިތައް ހިންގަމުން އަންނަ ބައެއް ފަރާތްތަކުން އުސޫލާ ހިލާފުވުން ކަމަށެވެ.

"މި ކުންފުނީގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ، ހުޅުމާލެއަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. އަދި މި މަގުސަދުގައި ކުންފުނީގެ ފަރާތުން ހަދާފައިވާ މިފަދަ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް" އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ ވޯޓާސްޕޯޓްސް ވިޔަފާރި އަކީ އާންމުންގެ މުނިފޫހިފިލުވުމާއި، އުފާވެރި މާހައުލެއް ގާއިމްކުރުމަށް ބީޗުގައި ހިންގާ ކަމަކަށްވާއިރު، އާންމުންނަށް ބޭނުންވާ ފެންފުޅި އަދި ލުއިކާނާ ފަދަ ތަކެތި ޓޭކްއަވޭގެ ގޮތުގައި އެތަންތަނުން ވިއްކަން ހުއްދަދީފައި ވާނީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ވޯޓާ ސްޕޯޓްސް ވިޔަފާރިކުރާ ފަރާތްތަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުނީގެ ފަރާތުން ދީފައިވީ ނަމަވެސް، ބީޗު ސަރަހައްދުގައި ގޮނޑި އަދި މޭޒު ޖަހައި ކެފޭ އުސޫލުން ހިދުމަތް ދިނުމަކީ މަނާކޮށްފައިވާ ކަމެއްކަމަށް އާބަންކޯއިން ބުންޏެވެ.

ބީޗުގައި ގޮނޑި އާއި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިދުމަތް ދިނުމަކީ އާންމުންގެ ކަންބޮޑުވުން އޮތްކަމެއްކަމަށާއި އަދި އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދަތިވުމާއި، ބީޗުގެ މާހައުލު ގެއްލޭކަމުގެ ޝަކުވާ އެކި ފަހަރުމަތިން ލިބިފައިވާކަމަށް އާބަންކޯއިން ބުންޏެވެ.