ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަކީ ވެސް ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށްކުރާ ހިޔާނާތުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރުމުން، ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން، ބެލި މައްސަލައިގައެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ޝިފާއުގެ މައްޗަށް "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު"ގެ ދަށުން ކުރާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ މަައުލޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހައި ކޯޓުން ވެސް ވަނީ އެ ނިންމުމަށް ތާއިދުކޮށްފައެވެ. ހައި ކޯޓުން ކުރިމިނަލް ކޯޓުގެ ހުކުމަށް ތާއިދުކުރީ ޝިފާއުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ގާނޫނުލްއުގޫބާތުގައިވެސް ބަޔާންކޮށްފައިވާ ދައުވާއަކަށް ވުމުންނެވެ.
ގާނޫނުލްއުގޫބާތުގައިވާ ގޮތުން އެ ގާނޫނުގައި ކަނޑައެޅިފައިވާ ކުށަކާއި އެކުށަކާ ގުޅުންހުރި އުސޫލަކާއި އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކާއި ނުވަތަ އެކުށަކާ ގުޅުންހުރި އުސޫލަކާ އެއްވެސް ފުށުއެރުމެއްވާ ނަމަ، އެ ހާލަތުގައި އިސްކަންދޭން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ގާނޫނަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އިސްތިއުނާފީ މައްސަލައިގެ ރައުޔުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ޝިފާއުގެ މައްޗަށް ކުރާ ދައުވާގައިވާ ކުށަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އަދި ގާނޫނުލްއުގޫބާތުގައިވެސް ބަޔާންކޮށްފައިވާ ކުށެއް ކަމަށެވެ. ސުވާލު އުފެދޭ ކަމަކީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ހިންގާ އަމަލުތަކަށް ދައުވާ ކުރެވޭނީ އެއިން ކޮން ގާނޫނަކުންތޯއާ މެދުގައި ކަމަށެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ ގާނޫނުލްއުގޫބާތައް ބަލާއިރު އެ ގާނޫނުގައި "ދައުލަތުގެ މުވައްޒަފުން" މާނަކޮށްފައިވަނީ ހަމައެކަނި ސަރުކާރުގެ މުސާރަ ލިބޭ މީހުންނަށް ނޫންކަން އެނގޭ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ގާނޫނުލްއުގޫބާތުގައި ދައުވާއާ ގުޅޭ އެހެން މާއްދާތައް ކިޔާލުމުން، ދެ ޖުމްލަ ނިމެނޭ ތަނުގައި "ހިމެނޭ ގޮތަށެވެ" އަދި "މީހުން ވެސް ހިމެނޭ" އޮތުމުން، ގާނޫނުގެ މަގުސަދަކީ ސަރުކާރުގެ ވަކި މުވައްޒަފުންތަކެއް އިސްތިސްނާކުރުން ނޫންކަން އެނގޭ ކަމަށެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ބަލައިނުގަންނަ ނަމަ، އެއް ކުށެއްގައި އެއް ބަޔަކަށް ލުއިތަކެއް ލިބިފައި އަނެއް ބަޔަކަށް ބުރަވެދާނެ ކަމަށާއި އެގޮތުން ދިފާއުވުމާއި އަދަބު ކަނޑައެޅުމުގައި ވެސް ތަފާތު ހުންނާނެ ކަމަށެވެ.
އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ މީހުން ހިންގާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ އަމަލުތަކަށް ލުއި އަދަބު ލިބިގެންދިއުން ކަމަށާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އެފަދަ ކުށްތަކާ ގުޅިގެން ބުރަ އަދަބެއް ލިބިގެންދިޔުން ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.
ފަނޑިޔާރު މަހާޒުގެ ރައުޔަށް، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއިދުކުރައްވައިފައެވެ. އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ނުބެލޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށެވެ. އެހެންވެ ޝިފާއުގެ މައްޗަށް އަލުން ދައުވާކުރުމަށް ހުރަހެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ހުކުމްކުރިއެވެ.