މިދިޔަ އަހަރު ހިންގި ކާމިޔާބު ޓެކާސް ރިސޯޓް ފުޓްސަލް މުބާރާތަށްފަހު، މިއަހަރުގެ މުބާރާތްވެސް ފަށަން ތައްޔާރުވެއްޖެއެވެ.

ޓެކާސް ރިސޯޓް ކަޕްގެ ދެވަނަ މުބާރާތުގައި މިފަހަރު 60 އަށްވުރެ ގިނަ ޓީމު ފެނިގެންދާ އިރު، މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ. މިއަހަރުގެ ފުރަތަމަ މުބާރާތް މިމަހުގެ 14 ވަނަ ދުވަހު ކަނޑިންމަ މޯލްޑިވްސްގައި ފަށާ އިރު، އޭގެ ފަހުން ކުރިއަށް އޮތް މަސްތަކުގައި އިތުރު މުބާރާތްތައް ބޭއްވިގެން ދާނެއެވެ.

މިފަހަރުގެ މުބާރާތްތައް ހާއްސަކޮށްފައިވާ ސަރަހައްދުތަކަކީ ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކާއި ކާފު އަތޮޅުގެ އުތުރު ބިތުގެ ރެސޯޓުތަކުގެ އިތުރުން ބ، ޅ، އަދ، ނ، ރ އަދި ދ އަތޮޅަށެވެ. ކ. އަތޮޅުން ގިނަ ރިސޯޓުތަކެއް މުބާރާތުގައި ބައިވެރިވެފައިވުމާ އެކު އެ އަތޮޅުގެ ރިސޯޓުތައް ދެ ފަޅިއަކަށް ބަހާލައިގެން ދެ މުބާރާތަކަށް ކުރިއަށް ގެންދާ އިރު، ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ކުރިއަށް ދާނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. އަދި ކާފު އަތޮޅު އުތުރު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް ބާއްވާނީ ކުރުނބާ މޯލްޑިވްސްގައެވެ.

ނ. އަތޮޅު ރިސޯޓުތައް ވާދަކުރާ މުބާރާތް ސިޔާމް ވޯލްޑްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ބ. އަތޮޅު މުބާރާތް ކުރިއަށްދާނީ ރޯޔަލް އައިލެންޑް ރިސޯޓުގައެވެ. މިފަހަރުވެސް އދ. އަތޮޅުގެ މުބާރާތް ކޮންޑްރަޑް މޯލްޑިވްސްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރ. އަތޮޅު ރިސޯޓުތައް ވާދަކުރާ މުބާރާތް އޮންނާނީ ޖޯލި މޯލްޑިވްސްގައެވެ.

ޓެކާސް ރިސޯޓު ކަޕްގައި މިފަހަރުވެސް 600 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެއެވެ. އެންމެފަހުން މިދިޔަ އަހަރު ނިންމާލި ފޯރިގަދަ މުބާރާތްތަކުގައިވެސް ހުނަރުވެރި ކުޅުންތެރިން ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.