ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ރޭންކިންގައި ރާއްޖޭގެ ޒަޔާން ޒަކީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
ދުނިޔޭ ރޭންކިންގެ 300 ވަނައިގައި އޮތް ޒަޔާން، މިފަހަރު އިއުލާނުކުރި ސިންގަލްސް ރޭންކިންގައި ވަނީ 243 ވަނައަށް ޖެހިލައިފައެވެ. އެހެންކަމުން މިފަހަރު އޭނާ ވަނީ 87 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ. ޒަޔާންގެ ރޭންކިން އެހާ ބޮޑުތަނުން ކުރިއަށް ޖެހިލާފައި ވަނީ އޭނާ ވާދަކުރި ރޭންކިން މުބާރާތެއް ކަމަށްވާ، އޭޝިއާ ޗެމްޕިއަންޝިޕްގެ ކޮލިފައިން ބުރުގެ ދެ މެޗުންވެސް މޮޅުވެ މެއިން ޑްރޯ އިން ޖާގަ ހޯދުމުންނެވެ.
މިއީ ޒަޔާންގެ ކެރިއަރުގައި ސިންގަލްސް ރޭންކިންގައި އެންމެ މައްޗަށް ޖެހުނު ފަހަރެވެ. އަދި މިހާރު ޒަޔާނަކީ ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ފިރިހެން ސިންގަލްސް ރޭންކިންގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާވެސް މެއެވެ.
ބީޑަބްލިއުއެފް ރޭންކިންގައި މިހާތަނަށް އެންމެ މައްޗަށް ޖެހިލި ފިރިހެން ކުޅުންތެރިޔަކީ މުހައްމަދު އަޖުފާން ރަޝީދެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ދުނިޔޭގެ ރޭންކިންގެ 185 ވަނަ އަށް ޖެހިލައިފައެވެ. އެ އަހަރު ލަންޑަންގައި އޮތް އޮލިމްޕިކްސްގައި ވެސް އަޖުފާން ވާދަކުރިއެވެ.
ޒަޔާން ބުނެފައިވާ ގޮތުގައި އޭޝިއާ މުބާރާތުގެ ކާމިޔާބީއަށްފަހު އޭނާގެ ޓާގެޓަކީވެސް މިހާރު އޮލިމްޕިކަށް ކޮލިފައިވުމެވެ.
މިކްސް ޑަބަލްސްގައިވެސް ޒަޔާނާއި ފާތިމަތު ނަބާހާގެ ޕެއާ އަދިވެސް އަންނަނީ ދުނިޔޭގެ ގަދަ 100 ގައި ހިމެނެމުންނެވެ. އޭޝިއާ ޗެމްޕިއަންޝިޕަށް ފަހު އަޕްޑޭޓް ކުރި ބީޑަބްލިއުއެފް ރޭންކިން އަށް ބަލައިލާ އިރު، ރާއްޖޭގެ އެހެން ކުޅުންތެރިންގެ ތެރެއިން ގައުމީ ޗެމްޕިއަން ނިބާލް އަހުމަދު އުޅެނީ ސިންގަލްސްގެ 373 ވަނައިގައެވެ. އޭނާ އާއި އަޖުފާންގެ ޑަބަލްސް ޕެއާ އުޅެނީ ދުނިޔޭގެ 165 ވަނައިގައެވެ. މި ވަގުތު ސިންގަލްސް ރޭންކިންގައި އަޖުފާން އުޅެނީ 567 ވަނައިގައެވެ.
އަންހެން ކުޅުންތެރިންނަށް ބަލާއިރު، ސިންގަލްސްގައި އާމިނަތު ނަބީހާ އުޅެނީ 225 ވަނައިގައެވެ. ނަބާހާ އުޅެނީ ރޭންކިންގެ 199 ވަނައިގައެވެ. ނަބީހާ އާއި ނަބާހާގެ ޑަބަލްސް ޕެއާ އުޅެނީ ދުނިޔޭގެ ރޭންކިންގެ 100 ވަނައިގައެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން