ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކޯޗުން ތެރޭގައި ހިމެނޭ މުހައްމަދު ނިޒާމް (ނިޒާމްބެ)، އަލީ ސުޒޭން އަދި އިސްމާއިލް މަހްފޫޒް (އިންމަ) ކޯޗިންގެ އެންމެ މަތީ ލެވެލްގެ ފާސް، ޕްރޯ ލައިސަންސް ހާސިލުކޮށްފިއެވެ.

ރާއްޖޭގައި އަލަށް ޕްރޯ ލައިސަސް ހާސިލުކުރި ތިން ކޯޗުންނާ އެކު ރާއްޖޭގައި ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗުންގެ އަދަދު ވަނީ ފަހަކަށް އަރައިފައެވެ. މީގެ ކުރިން ޕްރޯ ލައިސަންސް ހާސިލްކުރީ މުހައްމަދު ޝާޒްލީ (ޝާޒް) އާއި މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ރާއްޖޭގެ ފަސް ކޯޗަކު މި ހާސިލުކުރި، އޭއެފްސީ ޕްރޯ ލައިސަންސަކީ ދުނިޔޭގެ އެންމެ މޮޅެތި ކޯޗުން ހޯދާފައިވާ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ފާހެކެވެ.

ސުޒޭނާއި އިންމަގެ އިތުރުން ނިޒާމްބެ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާތީ، އެ ކޯޗުންނަށް ހާއްސަ ހަނދާނީ ފިލައެއް އެފްއޭއެމްގެ ފަރާތުން ރޭގެ ޕްރެސިޑެންޓްސް ކަޕް ފައިނަލަށްފަހު އަރުވާފައިވެއެވެ.

ޕްރޯ ލައިސަންސް ހާސިލުކުރި ކޯޗުންގެ ތެރެއިން ސުޒޭނަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗެވެ. ވިކްޓަރީއާ އެކު ކޯޗެއްގެ ގޮތުގައި ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްވެސް ސޫޒޭން ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ވެސް ހުރެފައެވެ. އޭގެ އިތުރުން މާޒިޔާއާ އެކު ސުޒޭން ކާމިޔާބީތަކެއް ހޯދާފައިވާ އިރު، މިވަގުތު ހުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ.

ދެން ރޭ ހަނދާނީ ފިލާ ލިބުނު އިންމަ، މާޒިޔާއާ އެކު ފުރަތަމަ ޑިޝަނަށް ނުކުމެ، އެ ކްލަބު ކޮޅަށް ޖެހުމުގައި މުހިއްމު ރޯލެއް އަދާކުރި އިރު، ދެފަހަރެއްގެ މަތިން އޭނާ ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާވެސް އަދާކޮށްފައެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގައިވެސް މަސައްކަތް ކޮށްދިނުމަށްފަހު އިންމަ މިވަގުތު ހުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗަކަށެވެ.

ޕްރޯ ލައިސަންސް ދާދި ފަހުން ފުރިހަމަ ކުރި ނިޒާމްބެ، ޓީސީ ސްޕޯޓްސް ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީ އެޓީމަށް މުހިއްމު ކާމިޔާބީތަކެއް ހޯދައިދިނެވެ. ނިޒާމްބެ ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިނުމުގެ އިތުރުން 2019 ވަނަ އަހަރު ދިވެހި ލީގު ޓީސީ އަށް ހޯދައިދީފައެވެ.

ނިޒާމްބެ ވަނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންއަށްވެސް ކޯޗު ކަން ކޮށްދީފައެވެ. މިވަގުތު ގައުމީ އަންހެން ޓީމުގެ ކޯޗަކަށް އަދި ބުރު ސްޕޯޓްސް ކްލަބުގެ ކޯޗަކަށްވެސް ހުރީ ނިޒާމްބެއެވެ.