ޚަބަރު

މޫނު ބުރުގާ އެޅުން މަނާކުރި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދިން މައްސަލަ ހައިކޯޓަށް

އިބްރާހިމް ޒަކީ

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޅ. ނައިފަރު، ދީވާނުހާނާ، މޫސާ އީސާ އިބްރާހީމާއި އޮޅުހަލި، ޔޫސުފް އަބްދުﷲ އާއި ނ. ލަންދޫ، ތަނޑިރަތްމާގެ، އަލީ އަބްދުއްލަތީފެވެ.

މި މައްސަލައިގައި ސިވިލްކޯޓުން ހުކުމް ކޮށްފައި ވަނީ، ހުސްވި އޭޕްރީލް މަހުގެ 17 ގައެވެ.

ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރެހެނދި ޗެމްބާސް އިންނެވެ. އެ ލޯފަމަކީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާގެ ލޯފާމެކެވެ. އެ ލޯފާމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި އަމުރުގައި ބުނީ ވަގުތީ އަމުރަށް އެދިފައިވަނީ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން ނޫން ކަމަށެވެ. އަދި ދައުވާކުރި ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި މައްސަލަ ހުށަހެޅީ މޫނު ބުރުގާ އަޅައިގެން އަރަބިއްޔާ ސްކޫލަށް ދާ ދަރިވަރުންގެ ފަރާތުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ދައުވާގައި އަދި ޝަރީއަތުގައިވެސް އެ ކުދިންނަކީ އެ ސްކޫލުގެ ދަރިވަރުންކަން އަދި އެއީ ކޮން ގްރޭޑެއްގައި ކިޔަވާ ދަރިވަރުންކަން އެނގޭނެ މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އަމުރުގައި އިތުރަށް ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރި ނަމަވެސް ތައުލީމު ލިބިގަތުމުގެ ހައްގުން އެ ކުދިން މަހުރޫމުވެފައިވާ ގޮތަށް ކަމެއްކޮށްފައިނުވާކަން ދައުވާ ހުށަހެޅި ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކުން ސާފުވާ ކަމަށެވެ.

އަދި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރުމުން އެ ދަރިވަރުންނަށް އަނބުރާ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ދައުވާގައި ބަޔާންކޮށްފައިވިޔަސް އެ ނިންމުމުގެ ސަބަބުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ހާލަތެއް ނުފެންނަ ކަމަށްވެސް އަމުރުގައިވެއެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މަރިޔަމް ވަހީދެވެ.