އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ިދނުމަށް ރިޝްވަތުގެ ގޮތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ހޯދިކަމަށް ދައުލަތުން ބުނާ ފައިސާ އަކީ، މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމް) އާއެކު ހިންގި ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ފައިސާ ކަމަަށް ރައީސް ޔާމީންގެ ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ފެށުމުގެ ގޮތުން އިއްވަން ޖެހޭ އިފްތިތާހީ ބަޔާން އިއްވުމަށް މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެއްގައި ވެސް އެކަމަށް އިންކާރު ކުރެއްވުމަށް ފަހު، މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ބަޔާން އިއްވަވަމުން، އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ގާނޫނީ ވަކީލު ޑރ. ޖަމީލު ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ނަންގަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރާ 1.1 މިލިއަން ޑޮލަރަކީ، ޔާމީނާ ގާތް ގުޅުމެއް އޮންނަ ސަން ސިޔާމު އަތުން ގަތް 1.1 މިލިއަން ޑޮލަރު ކަމަށެވެ.

އެ ޑޮލަރަށްވާ ފައިސާ ސިޔާމް ވިދާޅުވި މީހަކާ ހަވާލުކޮށްފައިވާ ކަމަށާއި، އެކަން ސާބިތު ކުރުމަށް ޝަފަހީ އަދި ކިތާބީ ހެކި ހުށައަޅާފައިވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރުމުގައި އެކުއިޒިޝަން ފީ ކަނޑައެޅުމާބެހޭ، ގަވާއިދުގައިވާ ފޯމިއުލާއިން ފުއްގިރީގެ އަގުގެ ގޮތުގައި އޮތީ ވެސް ގާތްގަނޑަކަށް 1.1 މިލިއަން ޑޮލަރު ކަމަށެވެ.

ނަމަވެސް ބިޑަކާ ނުލައި ދުބާއީގެ، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް އެ ރަށް ދިނީ 1.55 މިލިއަން ޑޮލަރަށް ކަމަށާއި، އެއީ ގަވާއިދުގައި ބުނާ ފޯމިއުލާއިން ރަށަށް ކަނޑައެޅި އަގަށްވުރެ ފަސް ލައްކަ ޑޮލަރު އިތުރު އަގެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ އުސޫލުގައި ހިމެނޭވަރަށްވުރެ ބޮޑު އަގުގައި ރަށް ގަނެފައި، ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ދީފައި، 2.6 މިލިއަން ޑޮލަރު ހޭދަކުރުމަކީ، ހަމަ ބުއްދީން ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލު ތުހުމަތު ކުރެއްވި ގޮތުގައުި ފުލުހުން އެ މައްސަލައިގެ ތަހުގީގު ބައްޓަން ކޮށްފައިވަނީ ވެސް ޔާމީނު ކުށްވެރި ކުރުމަށް އަމާޒު ހިފައިގެންނެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ޔާމީނުގެ ވެރިކަމުގައި މިހާރުގެ އޭސީޕީ މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކި ކުރުން ކަމަށެވެ.

ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ.

ފުއްގިރި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ، ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާއެވެ.