ޚަބަރު

އެސްއެމްއީ ޕޯޓަލް އަޕްގްރޭޑްކޮށް ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އަށް ލޯނަށް ހުށަހަޅާ ޕޯޓަލް އަޕްގްރޭޑްކޮށް، ލޯނަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އެސްޑީއެފްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، ލޯނަށް އެދި ހުށަހަޅާ އާ ޕޯޓަލް މިއަދު ލޯންޗްކޮށްފައިވާ ކަމަށެވެ. އެއާއެކު ދަނޑުވެރި ނަފާ އަދި ކަނޑުފަޅު ނަފާ ލޯނުގެ އިތުރުން ފަށާވިޔަފާރި، ވިޔަފާރި ތަރައްގީ، ހަރުމުދާ، ވިޔަފާރި އެހީ އަދި ރަށުފަތުރު ލޯނުތަކަށް އެދި ހުށަހެޅޭނެ ކަމަށް ބުންޏެވެ.

އެސްޑީއެފްސީން އިތުރަށް ބުނީ އަޕްގްރޭޑްކޮށްފައިވާ އެސްއެމްއީ ޕޯޓަލްއިން ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން، މިހާރު ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓް ބެލުމާއި، ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލޯނާ ގުޅޭގޮތުން އެކި ކަންކަމުގައި އެހީތެރިކަންވެސް ލިބޭނެކަމަށެވެ.

އެގޮތުން އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، މައުލޫމާތު ސާފުކުރުމާއި، އެއްތަނަކުން ލޯނާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ކަސްޓަމަރުންގެ މައުލޫމާތު ބެލެހެއްޓޭނެ ކަމަށާއި އޭގެއިތުރުން އެ ކަސްޓަމަރަކު ހިޔާރުކުރަން އެންމެ އެކަށޭނެ ލޯނެއް ދެނެގަތުމަށް އެހީތެރިވެދޭ ލޯން ޕްރޮޑަކްޓް ވިޒާޑެއްވެސް ގާއިމުކޮށް، ޕޯޓަލްގެ ނެވިގޭޝަން ފަސޭހަކުރުމަށް 'ސާޗް' ފީޗާވެސް ތައާރަފްކޮށްފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެސްޑީއެފްސީއަކީ މި ސަރުކާރުގެ އެއް ވައުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ މާލީ އިދާރާއެކެވެ.

އެސްޑީއެފްސީގެ ކަސްޓަމާ ސާވިސް ޕޯޓަލް ލޯންޗް ކުރީ 8 ނޮވެމްބަރު 2020 ގަ އެވެ. އެއާ އެކު އެސްޑީއެފް ވެގެން ގޮސްފައިވަނީ މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާ ދިވެހިރާއްޖޭގެ ފުރަތަމަ މާލީ އިދާރާއަށެވެ. އެ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެ ކޯޕަރޭޝަނުން 1،387 ލޯނު ވަނީ އެޕްރޫވްކޮށްފަ އެވެ. ފައިސާއިން ބަލާއިރު އެއީ 1.67 ބިލިއަން ރުފިޔާ ކަަމަށް އެސްޑީއެފްސީން ބުންޏެވެ.