ޓެކްނޮލޮޖީ

ގޫގްލްގެ ފުރަތަމަ ފަށްޖެހޭ ފޯނު "ޕިކްސެލް ފޯލްޑް" އަންނަ މަހު ނެރެނީ

އާދަމް ނަސީރު

1

ގޫގުލްގެ ފުރަތަމަ ފަށްޖެހޭ (ފޯލްޑަބަލް) ފޯނު އަންނަ ޖޫން މަހު ނެރޭނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ބުނެފިއެވެ. ގޫގްލްއިން މި ފޯނަށް ދީފައިވާ ނަމަކީ "ޕިކްސެލް ފޯލްޑް" އެވެ. މީޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ގޫގުލްގެ އެތެރޭގެ ލިޔެކިޔުންތަކާއި ތަސްވީރުތަކުން ދައްކާ ގޮތުގައި އެ ކުންފުނީން ރާވައިފައި ވަނީ ފަށްޖެހޭ ސްމާޓްފޯން 1،700 ޑޮލަރަށް ވުރެ މަތީގެ އަގެއްގައި ވިއްކުމަށެވެ. މިއީ އެ ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސާޗް އިންޖީނު ހިންގާ ގޫގުލް ކުންފުނިން ބުނާ ގޮތުގައި ސެމްސަންގްގެ ފޯނުތަކާ ވާދަކުރާ ގޫގުލްގެ ޕިކްސެލް ފަށްޖެހޭ ފޯނުގައި އެހެން ފޯނުތަކުގައި ހުންނަ ފަދައިން ދެ އިސްކުރީން ބެދޭ ތަން ފިތިފައެއް ނުހުންނާނެ އެވެ. އަދި މިހާރު ގެންގުޅޭ ފަށްޖެހޭ ފޯނުތަކަށް ވުރެ ހުރިހާ ގޮތަކުންވެސް މާ މޮޅުވާނެއެވެ. މި ފޯނު ޓްރޭޑް-އިން އޮޕްޝަންގެ ތެރެއިން އެހެން ފޯނުކާ ބަދަލު ވެސް ކުރެވޭނެއެވެ.

މި އަހަރުގެ ޖޫން މަހުގެ މެދު ތެރޭގައި ގޫގުލްގެ ފުރަތަމަ ފަށްޖެހޭ ފޯނު ޕިކްސެލް ފޯލްޑަބަލް ސްމާޓް ފޯނު ނެރުމުން މިހާރު ވިއްކަމުން އަންނަ ފަށްޖެހޭ ފޯނުތަކުގެ ވިޔަފާރީގައި ސެމްސަންގް ކުންފުނިން ހޯދާފައިވާ ކުރިއެރުމާއި އަދި ފަށްޖެހޭ ސެމްސަން ފޯނުތަކަށް ލިބިފައިވާ ވިޔަފާރީގެ ބޮޑު ފައިދާއަށް އަސަރު ކުރާނެ ކަމަށާއި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިއަހަރު ބާއްވާ ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު އެެއް ފެއާ ކަމަށްވާ ވޯލްޑް ކޮމިއުނިކޭޝަން ކޮންފަރެންސަށް ގިނަ ކުންފުނި ތަކުން ތައްޔާރު ވަމުން އަންނައިރު ގޫގުލްއިން ރާވާފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހު ބާއްވާ އަހަރީ ޑިވެލޮޕަރ ކޮންފަރެންސް ގޫގުލް އައި/އޯގައި އެމީހުންގެ ފަށްޖެހޭ ފޯނު ގޫގުލް ޕިކްސެލް ފޯލްޑް އިއުލާން ކުރުމަށެވެ. ގޫގުލްގެ މޯބައިލް ފޯނުގެ ހުރިހާ އުފެއްދުންތަކެއްގެ ފެށުމާއި ހަމައިން އެކަން ރާވައި ހިންގާ މޯބައިލް ޑިޕާޓްމަންޓުގެ އެތެރޭގައި ކޯޑް ނަމެއް ކަމަށްވާ "ފެލިކްސް" ގެ ނަމުން ނަންދީގެން ތައްޔާރު ކުރަމުން އަންނަ މަޝްހޫރު ޕިކްސެލް ފޯލްޑްގައި ގިނަ ބަޔަކު އުއްމީދު ކުރާ ހުރިހާ ފަސޭހަތަކެއް ހިމެނޭނެ ކަމަށް ދާއިރާގެ ބައެއް މީހުން އަންނަނީ ބުނަމުންނެވެ. ދިވެހީންގެ އަތުގައި ގޫގުލް ޕިކްސެލް ފޯނުތައް ހުރި އިރު މި ޖޫންގައި ނެރުމަށް ތައްޔާރުވާ ޕިކްސެލް ފޯލްޑަކީ 1،700 ޑޮލަރަށް ވުރެ އަގު ބޮޑު ފޯނަކަށް ވާނެއެވެ.

މަޝްހޫރު އައިފޯނުގެ އެންމެ އަގު ބޮޑު ފޯނު ކަމަށްވާ އައިފޯން ޕުރޯ މެކްސް އަށް ވުރެވެސް މި ފޯނުގެ އަގު ބޮޑު ވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ގޫގުލް އިން ދެކޭގޮތުގައި ސެމްސަންގްގެ ފަށްޖެހޭ ފޯނު ގެލެކްސީ ޒެޑް ފޯލްޑް 4 1،799 ޑޮލަރުގެ އަގަކަށް ވިއްކަމުން އަންނައިރު އެއަށް ވުރެ ފުރިހަމަ ފޯނެއް 1700 ޑޮލަރަށް ނުވިކެންވީ އެއްވެސް ސަބަބެއް ނެތެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟