މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް 218 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފި އެވެ.
ދިރާގުން އާއްމުކޮށްފައިވާ އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު އެ ކުންފުންޏަށް ވަނީ 653 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. ހަރަދާއި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ދިރާގުން ބުނި ގޮތުގައި ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައި ބަލާއިރު ހަ ޕަސެންޓު ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ 2.3 ޕަސެންޓް އިތުރު ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު އެ ކުންފުނީގެ އާމްދަނީ ދަށްވި މައިގަނޑު އެއް ސަބަބަކީ އެ ކުންފުނިން ފޯރުކޮށްދެމުން ދިޔަ ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލުމުން އެ ހިދުމަތުން ލިބެމުން ދިޔަ އާމްދަނީ ހުއްޓުމަކަށް އައުމެވެ. ނަމަވެސް އެ މުއްދަތުގައި މޮބައިލް ހިދުމަތްތަކުން 342 މިލިއަން ރުފިޔާ އަދި ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތުން 291 މިލިއަން ރުފިޔާގެ އާމްދަނީ ލިބުނުކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު ދިރާގަށް މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބަފައެވެ. މި ނަތީޖާއާއެކު އެކުންފުނިން މިދިޔަ މަހު ބޭއްވި އެ ކުންފުނީގެ 34 ވަނަ އަހަރީ އާންމު ޖަލްސާގައި ވަނީ ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. އެއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66 ރުފިޔާގެ މަގުން 126 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.67 ރުފިޔާގެ މަގުން 431 މިލިއަން ރުފިޔާ އެވެ.
ޚަބަރު
ޚަބަރު