"ހުރަވީ" ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން މަނަވަރު ރަސްމީކޮށް މިއަދު ހަވާލުކޮށް، ހިދުމަތަށް ނެރެފިއެވެ.
ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާ ސަރުކާރުން ދިން އޮފްޝޯ ޕެޓްރޯލް ވެސަލް ކޮމިޝަންކޮށްދެއްވައި، ހިދުމަތަށް ނެރެދެއްވުމުގެ ގޮތުން އުޅަނދުގައި ނަގަން ދިވެހި ގައުމީ ދިދަ ކޮމާންޑިން އޮފިސަރަށް ހަވާލުކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރާއި އިންޑިއާ ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭޕްރިލް 16، 2006 ގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޝިޕް ހުރަވީއަކީ ކޯސްޓްގާޑުގައި އޮތް އެންމެ ބޮޑު އުޅަނދެވެ. ނަމަވެސް އެ އުޅަނދުގެ ބަދަލުގައި އާ އުޅަނދެއް އިންޑިއާއިން ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އާ އުޅަނދު ހަދިޔާ ކުރަން ނިންމީ ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އޭގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ލޭންޑިން ކްރާފްޓްވެސް ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ. އެ އުޅަނދުތަކާ ރާއްޖެއިން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު މާރިޔާއެވެ. އަދި ރާއްޖެއިން ވަނީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އަށް އަރުވައިފައެވެ.
ރައީސް އޮފީހުން ބުނީ އިންޑިއާ ސަރުކާރުން ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުވެ ދިވެހި ރާއްޖޭގެ ދިފާއު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު