ޗާގޯސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް އުނިވުމަށް މަގުފަހިވިކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް، މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބަލައި މިދިޔަ ހުކުރު ދުވަހު އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެއާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ކަމަށެވެ.
އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަ ކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ، ޗާގޯސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން އިއްވި ހުކުމަކީ ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ހޯދުމަށް އޮތް ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމަށާއި އެ ފުރުސަތު ގެއްލިގެންދިއުމުގައި، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުގެ 20 ވަނަ ސޮފްހާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށް ތޯ އޮތް ސުވާލަށް ކަމަށެވެ. އަދި ރައީސްގެ ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
އިޓްލޮސް އިން ބެހި ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެކޮޅު ފަރާތްތައްވެސް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު