ދުބާއީގެ ރިއަލްސްޓޭޓް ކުންފުންޏެއް ކަމަށްވާ އެފްއޭއެމް ހޯލްޑިންގްސް އިން ލ. އަތޮޅުގައި 3.4 ބިލިއަން ރުފިޔާގެ ރިސޯޓް މަޝްރޫއެއް ލޯންޗުކޮށްފިއެވެ.

'އަލް މަހްރާ މޯލްޑިވްސް'ގެ ނަމުގައި އެފްއޭއެމް ހޯލްޑިންގްސް ގްރޫޕް އިން ތަރައްގީ ކުރާ މި ލަގްޒަރީ ރިސޯޓު ހަދަނީ ލ. ކަލައިދޫއާ އެއް ފަޅެއްގައި އޮންނަ ފޮނަގާދޫގައެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 800 މިލިއަން ދިރުހަމް (3.4 ބިލިއަން ރުފިޔާ)ގެ އިންވެސްޓްމެންޓެއް ލިބޭނެ ކަމަށް ބެލެވޭ މި މަޝްރޫއަކީ އެކުންފުނިން އެންމެ ފަހުން ފެށި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އަދި މިއީ އެފްއޭއެމް ހޯލްޑިންގްސް އިން ޔޫއޭއީން ބޭރުގައި ހިންގާ ފުރަތަމަ ރިއަލް އެސްޓޭޓް މަޝްރޫއެވެ.

އެފްއޭއެމް ހޯލްޑިންގްސް ގްރޫޕުން 'އަލް މަހްރާ މޯލްޑިވްސް' މަޝްރޫއު ލޯންޗު ކުރީ ދުބާއީގައި މިހާރު ކުރިއަށްދާ ޓޫރިޒަމް ފެއާ، އަރަބިއަން ޓްރެވެލް މާކެޓް 2023ގެ ތެރެއިންނެވެ. އެ ފެއާގެ ތެރެއިން އެފްއޭއެމް ހޯލްޑިންގްސް ގްރޫޕްގެ ޗެއާމަން ޑރ. ފައިސަލް އަލީ މޫސާ ވިދާޅުވެފައިވާ ގޮތުގައި ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްތެރޭގައި ފެށިގެންދާނެއެވެ. އަދި ރިސޯޓުގެ ހުރިހާ މަސައްކަތެއް ނިންމައި މަޝްރޫއު ހަވާލުކުރަން ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް މޫސާ ވިދާޅުވިއެވެ.

މި ލަގްޒަރީ ރިސޯޓުގައި 40 ބީޗް ވިލާ އާއި 100 ފްލޯޓިން ވިލާ ހުންނަ އިރު، ވީއައިޕީތަކަށް ހާއްސަ 10 ވިލާއެއް ހުންނާނެއެވެ. އަދި ކޮންމެ ވިލާއަކަށް ޕްރައިވެޓް ސްވިމިން ޕޫލެއް އޮންނާނެއެވެ.

ނަމަވެސް ސަރުކާރުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި މި ރަށަކީ އެ ކުންފުންޏަށް ދީފައިވާ ރަށެއް ނޫނެވެ.