ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ގާއިމުވެހުންނަ އިންޑިޔާގެ ވިޔަފާރިވެރިޔަކު އެއަރ ކެރަލާގެ ނަމުގައި އައު އެއަރލައިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އިންޑިޔާގެ ދެކުނުގެ ކެރަލާ ސްޓޭޓާ ދެމެދު ހެޔޮއަގެއްގައި ދަތުރުފަތުރު ކުރެވޭނެގޮތް ހަމަޖައްސައިދިނުމަށް މެލަޔާޅަމް މީހުންނަށް ޚާއްސަކުރެވޭ އެއަރލައިނެކެވެ.
މި އެއަރލައިން އުފައްދަން މަސައްކަތްކުރާ ވިޔަފާރިވެރިޔަކީ އަބޫދާބީގައި ސްމާޓް ޓްރަވެލްސްގެ ނަމުގައި ވިޔަފާރި ކުންފުންޏެއް ހިންގާ އަފީ އަހުމަދެވެ. އޭނާވެސް ނިސްބަތްވަނީ ކެރަލާއަށެވެ. އެެއަރ ކެރެލާ އުފެއްދުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ފެށިފައިވާއިރު މި އެއަރލައިނުން ދަތުރުކުރާނީ މައިގަނޑުގޮތެއްގައި ކޮޗިންއަށާއި ޓްރިވެންޑްރަމަށެވެ.
އަފީ އަހުމަދު ބުނެފައިވަނީ އިންޑިޔާގެ އެއަރލައިންތަކުގެ ދަތުރު މިހާރު ހަމަޖެހިފައި އޮންނަގޮތުން ކެރަލާއަށް ދަތުރުކުރުމުގައި ނުހަނު ގިނަގުނަ ތަކުލީފުތައް އުފުލަންޖެހޭކަމަށާއި އެކަންކަމަށް އެއަރ ކެރަލާގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމުގައެވެ. އެއަރ ކެރަލާގެ މަޝްރޫއަށް ކެރަލާގެ ސްޓޭޓް ސަރުކާރާއި ކެރަލާގެ އަމިއްލަ ވިޔަފާރިވެރިންނާއި އަދި އެމިރޭޓްސްގެ އިންވެސްޓަރުންގެ ތަރުހީބު ލިބޭނެކަމަށް ޔަގީންކުރާ ކަމަށްވެސް އަފީ އަހުމަދު ބުންޏެވެ.
އެއަރ ކެރަލާގެ ނަމުގައި އެހެންބަޔަކު ނަގާފައިވާ ޑޮމެއިންވެސް މިއަހަރުގެ މާރޗު މަހު އަފީ އަހުމަދު ވަނީ އެއްމިލިޔަން ދިރުހަމަށް ގެންފައެވެ. އެއަރ ކެރަލާގެ ނަމުގައި އެއަރލައިނެއް އުފެއްދުމަށް ކެރަލާގެ ސަރަހައްދީ ސަރުކާރުންވެސް މީގެ އަހަރުތަކެއް ކުރިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެކަމަކު ތަފާތު ސަބަބުތަކާހެދި ކުރިއަށް ގެންދެވޭގޮތް ނުވީއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ