އިޓަލީ ލީގުގައި މިރޭ ނަޕޯލީން ކުޅުނު މެޗުގައި ސެލާނިޓާނާ ކައިރިން އެއްވަރުވުމުން، އެޓީމަށް ލީގު ޔަގީންކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ނަޕޯލީން މިރޭ އަމިއްލަ ދަނޑުގައި ސެލާނިޓާނާ ކައިރިން އެއްވަރުވީ 1-1 އިންނެވެ. އެ ނަތީޖާއާއެކު 33 އަހަރަށްފަހު ލީގު ޔަގީންކުރަން ނަޕޯލީން ކުރަމުންދާ މަސައްކަތަށް ވަނީ އަނެއްކާވެސް ކުޑަ މަޑުޖެހުމެއް އައިސްފައެވެ.

މިރޭގެ މެޗަށް ނުކުމެ، ތިން ޕޮއިންޓާއެކު ނަޕޯލީއަށް ތަށި ޔަގީންކުރުމުގެ ފުރުސަތު އެޓީމަށް އޮތެވެ. އެއީ ލީގުގެ ދެވަނައިގައި އޮތް ލާޒިއޯއިން މިރޭ ކުޅުނު މެޗުގައި އިންޓަ މިލާން ކައިރިން 3-1 އިން ބަލިވުމުންނެވެ. ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީން 32 މެޗުން 79 ޕޮއިންޓާއެކު އޮތް އިރު، ލާޒިއޯ ދެވަނައިގައި އޮތީ 32 މެޗުން 61 ޕޮއިންޓާއެކުގައެވެ.

ނަޕޯލީ ބަލިކުރި އިންޓައިން ތާވަލުގެ ހަތަރު ވަނައިގައި 32 މެޗުން 57 ޕޮއިންޓާއެކު އޮތް އިރު، ޕޮއިންޓުގެ އަދަބުން މިވަގުތަށް ސަލާމަތްވެފައި އޮތް ޔުވެންޓަސް ތިންވަނައިގައި އޮތީ 31 މެޗުން 59 ޕޮއިންޓާއެކުގައެވެ.

ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމަށް ނަޕޯލީން މިރޭ ތަށި ޔަގީންކުރަން ނުކުތް އިރު، މުޅި ސަރަހައްދުގައި އެތައް ހާސް ސަޕޯޓަރުންނެއް ދިޔައީ އުފާފާޅުކުރަމުންނެވެ. މަރަޑޯނާއާއެކު 1990 ވަނަ އަހަރު ލީގު ހޯދިފަހުން ލީގު ލިބިފައި ނުވާ ނަޕޯލީއަށް ލީގު ލިބުމާ ފިޔަވަޅަކަށް ގާތްވެފައި އޮތް އިރު، މުޅި ސިޓީގައިވެސް މިހާރު ދަނީ އުފާފާޅުކުރަމުންނެވެ. ޖަމާވެ އުފާފާޅުކުރަމުންދާ ސަޕޯޓަރުން ބުނަމުންދަނީ މިއީ ހައްގު ލީގެއް ކަމަށާއި، މިހާރުވެސް ލީގު ޔަގީންވެފައިވާ ކަމަށެވެ.

މިރޭގެ މެޗުގެ 62 ވަނަ މިނެޓުގައި ނަޕޯލީން ލީޑު ނެގި އިރު، އެ ގޯލަކީ ކޯނަރެއްގައި މަތިއަސް އޮލިވޭރާ ޖަހައިދިން ގޯލެކެވެ. އެ ގޯލާއެކު ލީގު ކަށަވަރުކުރަން ނަޕޯލީން ދަނިކޮށް، އެޓީމަށް ފުރުސަތު ގެއްލުނީ ސެލާނިޓާނާގެ ބޫލޭ ޑިއާ ޖެހި ގޯލުންނެވެ. އެ ގޯލު ފެނިގެން ދިޔައީ 84 ވަނަ މިނެޓުގައެވެ.

އެ ގޯލު ޖެހުމުގެ ކުރިން ނަޕޯލީގެ ބެންޗު ޓީމުން ތިބީ އަރައިގަންނަވެސް ތައްޔާރަށެވެ. އަދި މެޗުގެ ރަސްމީ ބޯޅައެއްވެސް ރެފްރީ ވަނީ ވެލްވެޓް ދަބަހަކަށް ލާ ރައްކާވެސް ކޮށްފައެވެ. އެއީ ތާރީހީ ބޯޅައަކަށް ބޯޅަ ވެދާނެ ކަމަށް ބަލައެވެ. އެހެންނަމަވެސް މިރޭގެ މެޗުން ނަޕޯލީއަށް ތަށި ޔަގީންނުވެ ޖެހުނީ ނިންމާލާށެވެ.