ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް މޮރިޝަސްއިން ނިންމާނެކަން އެ ގައުމުން ހާމަކޮށްފައިވާތީ ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިމުގެ މައްސަލައިގައި އިންޓަނޭޝަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާއެކު ރާއްޖެ ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ފުރިހަމައަށް އިން ވަކިކުރެވިފައިވާ ގައުމަކަށް ވެފައި ކަމަށެވެ. އެގޮތުން ރާއްޖެއާއި މޮރިޝަސްގެ ފުށުއަރާ ސަރަހައްދާ ގުޅޭ ގޮތުން، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް، ކަނޑައަޅަން ޖެހޭ އިން ކަނޑައަޅާފައި ވަނީ ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާއާ އެއްގޮތަށް، އެއްވެސް ސަރަހައްދެއްގައި ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާނަމަ، އެ ސަރަޙައްދެއް މެދުން ހަމަޔަށް ވާގޮތަށް ބަހައިގެންގެން ކަމަށެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ އިން ކަނޑައެެޅިގެން ދިއުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ބަދަލާ ގުޅިގެން، ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް މޮރިޝަސްއިން ނިންމާނެކަން އެ ގައުމުން އާންމުކޮށްފައި ވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ޗާގޯސްގެ ހަތް އަތޮޅާއި 70 ރަށް ހިމެނޭގޮތަށް ވަށައިގެންވާ ކަނޑުގެ 640،000 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދަކީ 2010 ވަނަ އަހަރުން ފެށިގެން މެރިން ރިޒާވެއް ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެގޮތަށް ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރުވެގެން ދިއުމަކީ އޭގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ވަރަށް ބޮޑަށް ފައިދާކުރާނެކަމެއް ކަމަށެވެ. އެގޮތުން ޗާގޯސްގެ މެރިން ރިޒާވަކީ ދުނިޔޭގެ ނިސްބަތުން ގުދުރަތީ ދިރުންތައް އެންމެ މުއްސަންދި އެއް ސަރަހައްދު ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ޗާގޯސްގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދާއި ރާއްޖޭގެ ސަރަހައްދުން ހިމާޔަތްކުރެވޭ ސަރަހައްދުތައް ގުޅިގެން އުފެދޭ ސަރަހައްދުތައް ވެގެންދާނީ އިންޑިއާ ކަނޑުގެ ދިރުންތައް އާލާވުމަށް މަގުފަހިކޮށްދޭނެ އަދި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިއްމު ބިންގަލަކަށް ކަމަށެވެ.