ރާއްޖޭގެ އޮފީސްތަކާއި، ކުންފިނިތަކަށް ހާއްސަކޮށްގެން ބާއްވާ، ބައިބަލާ މުބާރާތެއް ޖުލައި މަހު ބާއްވަން ބައިބަލާ އެސޯސިއޭޝަނުން އިއުލާނު ކޮށްފިއެވެ.
އޮފީސްތަކުގެ ބައިބަލާ މުބާރާތް އެސޯސިއޭޝަނުން އިއުލާނު ކޮށްފައި ވަމީ މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ކުރިއަށްގެންދިޔަ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444ގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ ބައިނަލާ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޖުލައި 27 ވަނަ ދުވަހުއެވެ. އެ މުބާރާތަށް ބައިބަލާ އެސޯސިއޭޝަނުން ރަސްމީކޮށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެއެވެ.
ބައިބަލާއަކީ ރާއްޖޭގައި ދާއިމީ ގޮތެއްގައި ކުޅެމުން އަންނަ އެންމެ ޒަމާންވީ ސަގާފީ އެއް ކުޅިވަރެވެ. ރާއްޖޭގައި ރަސްމީކޮށް ބައިބަލާ ބާއްވަން ފެށީ ތާރީހު ދައްކާ ގޮތުން 1996 ވަނަ އަހަރުއެވެ. އޭގެފަހުން ބަރާބަރަށް ކޮންމެ އަހަރަކު މުބާރާތް ބައްވަމުން އައިސް ކޮވިޑާ ގުޅިގެން ދެ އަހަރަކަށް މެދުކެނޑުމަށްފަހު މިދިޔަ އަހަރާއި މިއަހަރު މުބާރާތް ބާއްވާފައިވަނީ ތަފާތު ރޫހެއްގައެވެ. މިފަހަރު އީދު ބައިބަލާ ޗެލެންޖަކީ މާލެއިން ބޭރު، ހުޅުމާލޭގައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުން ބައިބަލާ އެހެން ހަރުފަތަކަށް ގެންދަން އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތް ފެނިގެން ގޮސްފައިވެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ބައިބަލާއަކީ ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި މިފަހަރު ވަރަށް ބޮޑަށް ފެނިގެން ދިޔައިރު، މައިދާންވެސް އޮތީ ފުރިހަމައަށް ތައްޔާރު ކޮށްފައެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، 1000 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެން ދިޔައެވެ. ހާއްސަކޮށް ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިން ފެނިގެން ގޮސްފައިވާ އިރު، މުބާރާތް ބޭއްވީވެސް ގިނަ ސްޕޮންސަރުންނެއްގެ އެއްބާރުލުމާއެކުގައެވެ. މިފަހަރުގެ މުބާރާތަށް ސަރުކާރުގެ ކުންފުނިތަކުންވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެފައިވާ އިރު، އީދު ބައިބަލާ ޗެލެންޖް 1444 ގެ ޓައިޓަލް ސްޕޮންސަރަކީ އެމްޓީސީސީއެވެ. އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކެވެ. އެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްރަނަކީ "ވަން" އެވެ.
އެސޯސިއޭޝަނުން ބާއްވަން ގަސްދުކޮށްފައިވާ އޮފީސް، ކުންފުނި ބައިބަލާ މުބާރާތް ވެގެންދާނީ އެފަދަ ފުރަތަމަ މުބާރާތަށެވެ. އެސޯސިއޭޝަނުން ބައިބަލާ ކުރިއަރުވަން މިއަހަރަށް މުހިއްމު ކަންތައްތަކެއް ރާވާފައިވާ އިރު، ކުޅިވަރު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއްވެސް މިހާރު އަންނަނީ ކުރެވެމުންނެވެ.