ޚަބަރު

އަލަށް ލިބުނު ސަރަހައްދުގައި ކުރެވޭނެ އިގުތިސާދީ ކަންކަން ބަލާނަން: ފައްޔާޒް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާއެކު ރާއްޖެއަށް ލިބުނު ސަރަހައްދުގައި ކުރެވޭނެ އިގުތިސާދީ ކަންކަން ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިޓްލޮސްގައި މޮރިޝަސް އިން ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ހޯދުމަށް ވަކާލާތުކުރި ނަމަވެސް، އިއްޔެ ކުރި ހުކުމުން ރާއްޖެއަށް ވަނީ ކާމިޔާބީ ލިބިފައެވެ. އިޓްލޮސްގެ ހުކުމާއެކު ރާއްޖެއަށް ވަނީ 200 މޭލުގެ ސަރަހައްދެއް ލިބިފައެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެ ސަރަހައްދުގައި އިގުތިސާދީ މަސައްކަތެއް ކުރުމުގެ ފުރުސަތު ލިބުނީ އަދި ކިރިޔާ ކަމަށާއި 12 މޭލު ބޭރުން ސަރަހައްދެއް ލިބިގެންދިޔައީ އަދި ކިރިޔާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަދު ކެބިނެޓުގެ ނިންމުމާ އެއްގޮތަށް އަޅުގަނޑުމެންނަށް މި ލިބުނު 200 މޭލުގައި އިގުތިސާދީ ގޮތުން ކުރެވެން ހުރީ ކޮންކޮން ކަމެއްތޯ އަޅުގަނޑުމެން ބަލާނަން. އެތަނުގެ ތެރޭގައި މައުދަނު ހުރިއްޔާ އެކަމެއް ވެސް އަޅުގަނޑުމެންނަށް ބެލޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ލިބިފައި އޮތް ތަނަކުން އެއްޗެއް ގެއްލުނީ ނޫން ކަމަށާއި މިއުޅެނީ އަލަށް އެއްޗެއް ލިބިގެން ކަމަށެވެ. އަދި އެއީ ވަރަށް ބޮޑަށް އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އެއްވެސް އިރެއްގައި އަޅުގަނޑުމެންނަށް 200 މޭލު ކަނޑައެޅިފައެއް ނެތް. ވަރަށް ބޮޑަށް ހުރިހާ ބޭފުޅުން ތިޔަ އޮޅުވާލައްވަނީ. އީއީޒެޑް އަޅުގަނޑުމެންނަށް ކަނޑައެޅިފައި އޮތީ އުތުރުގައި. އެހެންވީމާ ދެކުނުގައި 24 މޭލާ ހިސާބަށް، މިއަދާ ހަމައަށް ކޮންމެ ގައުމަކުން އެތަނުގައި ދާ ވެސް އެޅޭ. ދާ އަޅަމުން ދަނީވެސް، އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އެކަމަކު މިއަދުން ފެށިގެން 25 މޭލާ ހިސާބުން ދެން ދާ ނޭޅޭނެ އަޅުގަނޑުމެންގެ ހުއްދަ ލިބިގެން ނޫނިއްޔާ،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ހުރިހާ ރައީސުންގެ ނިންމުންތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އަމަލުކޮށްފައި ހުރި ގޮތުން ރާއްޖެއިން އެއްވެސް އިރެއްގައި ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ނުދެކޭކަން ހާމަވާ ކަމަށާއި އެގޮތުން 2019 ވަނަ އަހަރު މޮރިޝަސްއާ އިދިކޮޅަށް ސަރުކާރުން އދ. ގައި ވޯޓުލުމުން، ޕީޕީއެމުން ނެރުނު ބަޔާނުން ވެސް އެ ޕާޓީގެ ފަރާތުން ވެސް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކުރާކަން ހާމަވާ ކަމަށެވެ.