ޗާގޯސްއަކީ މިއަދު އުފަންވި ތަނެއް ނޫން ކަމަށާއި ވެރިކަމަށް އައިސް، އެތަން ހޯދުމަށް ވަކާލާތުކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެއްވެސް ބޭފުޅަކު އެކަން ކުރައްވާފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން ޗާގޯސްގެ ސިޔާސަދު ގަބޫލުކުރުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މަދުވެފައިވާ ކަމަށާއި އަދި ރާއްޖެއަށް އެންމެ ރަނގަޅީ އިޓްލޮސްގެ ނިންމުމަށް ބަލައިނުގަތުން ކަމަށެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ނަޝީދު އިޓްލޮސްގެ ނިންމުން ގަބޫލުނުކުރުމަށް ގޮވާލައްވާ އިރު، އެ ޓްރައިބިއުނަލަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްގެ ދަށުން ހަދާފައިވާ ތަނެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ އިޓްލޮސްގެ ނިންމުންތައް ބަލައިގަތުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި ވިދާޅުވީ 2010 ވަނަ އަހަރު ނަޝީދު އަދި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު މޮރިޝަސްގެ ސަރުކާރުގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދައުލަތަކުން ނެތޭ އެއްވެސް އިރެއްގަ ޗާގޯސްއަކީ އަޅުގަނޑުމެންގެ ތަނެކޭ ބުނެ އަޑުއުފުލާފަ. މިހާރު ތިޔަ ވާހަކަފުޅު ދައްކަވާ ވެރިން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންކަމަށްވިޔަސް ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅުންނަށް ވިޔަސް، އެ ހުރިހާ ބޭފުޅުންނަށްވެސް އެ ފުރުސަތު ލިބިވަޑައިގަތޭ. ދިވެހިންގެ ހައްގުގެ ނުކުމެވަޑައިގެން މޭގައި މިހެން އައްޖަތްސާވަ މީ ތިމަންނަމެންގެ ތަނެކޭ. ނުކުރައްވާ އެކަމެއް އޭރަކު. މިއަދު ކީއްވެގެންތޯ، ކުއްލިއަކަށްތޯ ޗާގޯސް މިއުފަންވީ ކުއްލިއަކަށްތޯ ދިވެހިންގެ ތެރޭގަ ދިވެހިން ލޭ މި ހިނގާއިގަތީ" ޝާހިދު ވިދާޅުވިއެވެ

އިޓްލޮސްގެ މިއަދުގެ ނިންމުމަށް ޝަހީދު ތައުރީފުކުރައްވައި ރާއްޖެއަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ނަޝީދުގެ ވެެރިކަމުގައި ކަނޑުގެ ސަރަހައްދަކީ ޗޯގާސްބައެއް ކަމަށް އެއްބަސްވުމުގައި އެއިރު ސޮއިކޮށްފައިވާ ކަމަށެވެ.