ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިމުމުން ރާއްޖެއަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށް އެ މައްސަލައިގައި ރާއްޖެ ތަމްސީލުކުރެއްވި އިސް ވަކީލު ޕްރޮފެސާ ޕަޔަމް އަހަވަން ވިދާޅުވެއްޖެއެވެ.

އިޓްލޮސްއިން ރާއްޖެއާ އެއްކޮޅަށް މައްސަލަ ނިންމުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަޔަމް ވިދާޅުވީ ރާއްޖޭގެ ބައެއް ރައްޔިތުން އިޓްލޮސްގެ ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅު ކުރަމުންދާ ކަމަށާއި އެގޮތުން ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލި ކަމަށް އެފަރާތްތަކުން ތުހުމަތުކުރާ ކަމަށެވެ.

"މިކަމުން ރާއްޖެއަށް ގެއްލުމެއް ނުވަތަ ގެއްލޭނެ އެއްޗެއް ނެތް. މިއަދު އެ ކަނޑައެޅީ މިހާތަނަށް އިން ކަނޑަނޭޅި އޮތް ސަރަހައްދު. އެވެސް ރާއްޖެއިން ބޭނުންވި ގޮތަށް، މިއީ ހަގީގަތުގައި ރާއްޖެއަށް ލިބުނު މޮޅެއް،" ޕަޔަމް ވިދާޅުވިއެވެ.

ރާއްޖެއިން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދަކީ މެރިން ޕްރޮޓެކްޓެޑް ސަރަހައްދެއް ގޮތުގައި މޮރިޝަސްއިން ކަނޑައަޅާނެ ކަމަށް ޕަޔަމް ވިދާޅުވިއެވެ. އެކަން ކުރާނީ ދެ ގައުމު ގުޅިގެން ކަމަށާއި އެ ސަރަހައްދު ހިމާޔަތްކުރުމަކީ އިޓްލޮސްއަށް ހުށަޙެޅި މައްސަލައާ ގުޅުން ހުރި ކަމެއް ނޫން ކަމަށްވެސް ޕަޔަމް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިޖުރަކުރާ މަސްތައް ހިމާޔަތް ކުރަންޖެހޭ ކަމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ، މޮރިޝަސްއާ ދެކޮޅަށް ދައުވާކުރުމުގެ ހައްގު ރާއްޖެއަށް ލިބިގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅީ މައްސަލައިގައި ބުނެފައިވަނީ ޗާގޮސްއާ ރާއްޖެއާ ދެމެދު ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.

ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.

އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެއްލެވި މި މައްސަލައިގައި މިހާރު އިއްވަމުން އަންނަ ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

މޮރިޝަސްއިން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން ރާއްޖެއިން އަބަދުވެސް ޔުނައިޓެޑް ނޭޝަންސްގައި ވޯޓު ދެމުންއައީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސި ވިލާތާ އެއްކޮޅަށެވެ.