ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ވަނީ މައްސަލަ ނިންމައިފައެވެ. މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު މޮޅެކެވެ. މި ނިންމުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފުކޮށް، އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިޓްލޮސްއަށް ހުށަހަޅާފައިވަނީ އައްޑޫ ސިޓީއާ ޗާގޮސްއާ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. އިޓްލޮސްގައި މޮރިޝަސްއިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ހެދުމަށެވެ.

ނަމަވެސް އޭގެ ރައްދުގައި ރާއްޖެއިން ވަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށް ބުނެފައެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށެވެ. އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ.

ރާއްޖެއިން އެކަން ސާބިތުކުރަން ސެޓްލައިޓް ފޮޓޯތައް ވެސް ހުށަހެޅިއެވެ. އިޓްލޮސްއިން އެ ނުކުތާ ރާއްޖޭގެ ކޮޅަށް ނިންމާފައިވަނީ ހެކީގެ ގޮތުގައި ސެޓްލައިޓް ފޮޓޯ ހުށަހަޅާފައިވާތީއެވެ.

ޒަމާންވީ އެ ބޮޑު މައްސަލަ ރާއްޖެއަށް ކާމިޔާބުވެފައި މިވަނީ 58 އަހަރު ފަހުންނެވެ. އިޓްލޮސްއިން މިއަދު އެ މައްސަލައިގައި ކުރި ހުކުމާއެކު ރާއްޖޭގެ ދެކުނުން މިހާރު ވަނީ މެރިޓައިމް ބައުންޑަރީއެއް ކުރެހިފައެވެ.

މައްސަލަ ބެލުމަށްފަހު އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ރާއްޖެއިން އަބަދުވެސް މި މައްސަލައިގައި ވަކާލާތު ކުރަމުން އައި ގޮތެވެ.

ރާއްޖޭގެ ސިޔާސަތާ ގުޅިފައިވާ އެ ހުކުމް، ރާއްޖެއާ އެއްކޮޅަށް އައުމުން ގިނަ ބަޔަކު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފުކޮށް ޓުވީޓު ކޮށްފައެވެ. އެގޮތުން އިޓްލޮސްގައި ރާއްޖޭ ތަމްސީލުކުރެއްވި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ހިކުމަތްތެރި ވިސްނުންފުޅާ އެއްގޮތަށް ރާއްޖެއިން ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކޮށްފައި ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ރާއްޖެއަށް މިހާރު މެރިޓައިމްބައުންޑަރީއެއް ލިބިއްޖެ. އިޓްލޮސްގެ ނިންމުން ސާފުކޮށް ރާއްޖެއާ އެއްކޮޅަށް" ރިފްއަތު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ރައީސް ސޯލިހަށް ތައުރީފް ކުރައްވައި ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން ރާއްޖެއިން މިއަދު، ރާއްޖޭގެ މެރިޓައިމްބައުންޑަރީ ކަނޑައަޅާފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ބައިނަލްއަގުވާމީ ގާނޫނުތަކަށް ކުރި އިތުބާރު. މަރުހަބާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު" ޝާހިދު ވިދާޅުވިއެވެ.

އިޓްލޮސްގައި ރާއްޖެއަށް ލިބުނު ކާމިޔާބީއަށް ރައީސް ސޯލިހުއަށް މަރުހަބާ ދަންނަވައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ރައީސަށް ތައުރީފް ކުރައްވައިފައެވެ. އެގޮތުން ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ފެށުނީއްސުރެ ދައްކަމުން ދިޔައީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން މިއަދު އިންސާފަށް ލޯބިކުރާ ކޮންމެ މީހަކަށް ރައީސް ސާފުކޮށްދެއްވައިފި ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ރައީސް ސޯލިހުއަށް މަރުހަބާ ދަންނަވައި ޓްވީޓް ކުރައްވައިފައެވެ. އެ ޓްވީޓްގައި ފައްޔާޒު ވަނީ އިޓްލޮސްގެ ނިންމުމަކީ ވަރަށް އިންސާފުވެރި ނިންމުމެއް ކަމަށް ވިދާޅުވެ، ރައީސާއި މި ސަރުކާރުގެ މަސައްކަތަށް ތައުރީފް ކުރައްވައިފައެވެ.

އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާވެސް ވަނީ ރައީސްގެ ލީޑާޝިޕްގެ ދަށުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފައެވެ. އެގޮތުން މިއީ ރައީސް ސޯލިހު އިސްވެ ހުންނަވައިގެން ވަރަށް ފަރުވާތެރިކަމާއެކު ކުރިއަށް ގެންދިޔަ ލިގަލް އަދި ޕޮލިޓިކަލް ސްޓްރެޖެޓީއެއްގެ ކާމިޔާބު ކަމަށް އޭނާ ސިފަކުރެއްވިއެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުވެސް ވަނީ ރައީސް މަޑުން ހުންނެވުމަށްފަހު އަނެއްކާވެސް ވަރުގަދަ ރިއެކްޓެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ރައީސަށް ތައުރީފް ކުރައްވައިފައެވެ.

"މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލު ނުހޯދި އޮތް 58 އަހަރަށް ދިގުލައިގެން ދިޔަ މައްސަލަ ރާއްޖޭއަށް ބޮޑުބައި ލިބޭގޮތަށް އަދި ރައްޔިތުންނަށް މޮޅުވާގޮތަށް ރައީސް ސޯލިހު ކާމިޔާބު ކުރައްވައިފި، ރައީސް ސޯލިހު މަޑުން ހުންނަވާފަ އަނެއްކާވެސް ރިއެކްޓްކުރައްވައިފި،" މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އާންމުންނާއި ރައީސަށް ސަޕޯޓްކުރާ ގިނަ ބަޔަކު ގެންދަނީ ރައީސަށް މަރުހަބާ ކިޔައި، ތައުރީފް އޮއްސަމުންނެވެ. އަދި މިއީ ފަހުގެ ތާރީހުގައި ރާއްޖެއިން ހޯދި އެންމެ ބޮޑު އެއް ކާމިޔާބު ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މޮރިޝަސްއިން އިޓްލޮސްއަށް އިމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން ރާއްޖެއިން އަބަދުވެސް ޔުނައިޓެޑް ނޭޝަންސްގައި ވޯޓު ދެމުން އައީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސި ވިލާތާ އެއްކޮޅަށެވެ. ނަމަވެސް މޮރިޝަސްއިން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން ރާއްޖެއިން ވަނީ ސްޓޭންޑް ބަދަލުކޮށް، ޗާގޮސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީފައެވެ.

ސަރުކާރުގެ އެ ނިންމުމަކީ ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާ ގޮތަށް ނިންމި ނިންމުމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައިފައެވެ. ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުން އައީ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ. އެ ކަން މިއަދު ވަނީ ސާބިތުވެސް ކޮށްދީފައެވެ.