Close
އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 44

އަބްދުﷲ ފާރޫގް ހަސަން

(21 އޭޕްރީލްގެ އަދަދާ ގުޅޭ)

سلطـــان ســلـيــم خــــان (އައްވަލު - ޔަވޫޒު ސަލީމް) މިސުރު ހިއްޕެވުމަށްފަހު އިސްލާމީ ޚަލީފާކަން މިސުރުން ތުރުކިޔޭއަށް ބަދަލުކުރެއްވިއިރު މިސުރުގައިހުރި މުސްލިމުންގެ މުޤައްދަސް އަމާނާތްތައްވެސް އިސްތަންބޫލަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން ޢުޘްމާނީ ރަސްރަސްކަލުންވެސް އިސްލާމީ އުންމަތުގެ ކަންކޮޅުތަކުން އެއްޗެހިކޮޅުތައް އެއްކުރެއްވިއެވެ. މިއެއްޗެހިކޮޅުތައް ބަހައްޓަވައިފައިހުރީ ޓޮޕްކާޕީގައި ރަސްރަސްކަލުން އުޅުއްވި ބައިގެ ކޮޓަރިކޮޅެއްގައެވެ. سـلطـــان محـــمـــــود (ތިނެއް) އެ އެއްޗެހިކޮޅުތަކަށް ދެކޮޓަރިކޮޅު ޚާއްޞަ ކުރެއްވިއެވެ. "އަލްޣުރުފަތުއްޚާއްޞާ" ގެ ނަމުގައެވެ.

ޓޮޕްކާޕީ ސަރާއޭގައިހުރި އިސްލާމީ އުންމަތުގެ ޚާއްޞަ މުޤައްދަސް އަމާނަތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނުނު ތަކެތީގެ ތެރޭގައި ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ގެ ރިދާކޮޅަކާއި ކަނޑިކޮޅާއި الخــلـفــاء الـــرّاشــــدون ގެ ހަތަރު ޚަލީފާއިންގެ ކަނޑިކޮޅާއި ޞަޙާބީންގެ ބައެއް އެހެނިހެން ބޭބޭކަލުންގެ އެއްޗެހިކޮޅު އެބަހުއްޓެވެ. ހަމައެފަދައިން مـــوســى عــلـيــــه الـسّــلام އާއި داؤد عــلـيــــه الـسّــلام ގެ ކަނޑިކޮޅާއި عـيســـى عــلــيـــه الـسّــلام ގެ އަސާކޮޅު އަޅުގަނޑުމެންނަށްވަނީ ފެނިފައެވެ. އަޅުގަނޑު ބަލާން ނޭދުނުކަމުގައިވިޔަސް يحــــيى عــلــيـــه الـسّــلام ގެ އަތްޕުޅުގެ ކަށިކޮޅުތައް ހިމެނޭގޮތަށް ހަދައިފައިއޮތް އަތުއަންގިއެއްކަހަލަ އެއްޗެއްވެސް ފެނުނެވެ. ނަބީބޭކަލެއްގެ ކަށިކޮޅުތަކުން އެގޮތަށް އެއްޗެހި ހަދައި ނަމާއިޝްކުރެވޭކަށެއް އަޅުގަނޑަކަށެއް ނުރުހެވުނެވެ. ޚިޔާލަކީ ތަފާތު އެއްޗެއް ދޮގެއްތޯއެވެ؟

ޓޮޕްކާޕީ ގަނޑުވަރުގެ އާސާރުތަކުގެ ތެރެއިން ދެން އެންމެ އާދަޔާ ޚިލާފު އެއްޗެހިތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީ އެޒަމާނުގައި ބޭނުންކުރި ހަނގުރާމައިގެ ހަތިޔާރުތަކެވެ. ޢުޘްމާނީ ރަސްރަސްކަލުންނަށް އެކިފަރާތްފަރާތުން ވެދުމަށް ފޮނުވައިފައިހުރި ނާދިރު ހަތިޔާރުތަކާއި ހަނގުރާމައިގެ ޣަނީމާގެ ގޮތުގައި އެބޭފުޅުންނަށް ލިބިވަޑައިގެންފައިހުރި ހަތިޔާރުތަކެވެ. އެ ހަތިޔާރުތަކުގެ ސިފަކުރުމެއް ނޯޓުކުރެވޭވަރަށްވުރެ ތަނުގެ ހަލަބޮލިކަން ބޮޑެވެ. ދަލަކުން މަސްފުރޭނޭހެން ފުރޭނެމުން ކައިރިވެލައިފައި ކިރިޔާ ލޮލުކޮޅުން ބަލައިލެވުނީއެވެ. ގަނޑުވަރުގެ އެކިޢިމާރާތްތަކުގެ ފާޑުވެރިކަމަށް ބަލާއިރު މޫދުކައިރީގައިހުރި ޢިމާރާތްތަކުން ފެންނަނީ ޔޫރަޕުގެ ގަނޑުވަރުތަކުގެ ނަމޫނާއެވެ. އެތަންތާނގެ ބޭރުން އެކަން ހާމަވެއެވެ.

ޓޮޕްކާޕީ ސަރާއޭގެ ވަށައިގެން ތަނަވަސް ބަގީޗާތައް ހުރެއެވެ. އެބަގީޗާތަކުން ފެންނަނީ ޢުޘްމާނީންގެ ޚާއްޞަ ގޮތްތަކެކެވެ. ޢުޘްމާނީންނަކީ މާޒީގެ ތާރީޚުގައި އެއްތަނުން އަނެއްތަނަށް ފޭލިގެ ހިފައިގެން ދަތުރުކުރި ނަސްލެއްގެ ބަޔެކެވެ. އެދަތުރުވެރީން ފޭލިގެތައް ޖަހައިގެން މަޑުކޮށްލައި ކައިބޮއިހަދައި އުޅުނީ ވަށްކޮށްހުންނަ ފެހިވާދީތަކުގެ މެދުތެރޭގައެވެ. ނުވަތަ ފެހިވިނަގަނޑުގަނޑުގެ މެދުތެރޭގައެވެ. އެބައިމީހުން އެތަންތާނގެ ވަށައިގެން ތަނަވަސް ބަގީޗާތައް ހެއްދިއެވެ. އެތަންތާނގެ ވަށައިގެން ގެދޮރު ބިނާކުރިއެވެ. ޓޮޕްކާޕީ ސަރާއޭގެ ބަގީޗާތަކުންވެސް ދިރުވަނީ ޢުޘްމާނީންގެ ކުރީގެ މާޒީއެވެ. އެ ބަގީޗާތަކުގެ ތެރެއިން ޝައުލަމާ ބާޣިޖާ ގަނޑުވަރުގެ ވަށައިގެން ހިނގަމުންގޮސް ނުކުމެވޭނީ ޓޮޕްކާޕީ ގަނޑުވަރުގެ ކައިރިޔަށެވެ. އެހިސާބުން ޓޮޕްކާޕީގެ މައިދޮރޯށި ފެންނާންހުރެއެވެ.

ޓޮޕްކާޕީ ގަނޑުވަރުވެސް އެކިފަހަރުމަތީންވަނީ ބިންހެލުމާއި އަލިފާނުގެ ހާދިސާތަކަށް ހުރަހެޅި ބޮޑެތި ގެއްލުންތައް ލިބިފައެވެ. އޭގެތެރެއިން އެންމެބޮޑަށް ފާހަގަކުރެވެނީ 1509މ. ގައި އައި ބިންހެލުމުން ލިބުނު ގެއްލުންތަކާއި 1665މ. ގައި ހިނގި އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުންތަކެވެ. އެކަންކަންވަނީ މަރާމާތުކޮށް ފުރިހަމަކޮށްފައެވެ. އެހެންކަމުން ޓޮޕްކާޕީ ސަރާއޭއަކީ ވީރާނާ ތަނެއް ނޫނެވެ.

ކޮންމެއަކަސް ޓޮޕްކާޕީ ސަރާއޭއަކީ އެއްޒަމާނެއްގައި ދުނިޔޭގައިއޮތް އެންމެބޮޑު އަންބަރާޠޫރިއްޔަތުގެ ރަސްކަމުގެ ގަނޑުވަރެވެ. ހަތަރުސަތޭކަ އަހަރުވަންދެން އެގަނޑުވަރުގެ އައުދާނަކަމާއި ފުރަމާނަކަން ދެމިއޮތެވެ. އެހެންކަމުން އެގަނޑުވަރު ވެފައިވަނީ މިހާރު އިސްތަންބޫލުގައިހުރި އެންމެ މުހިންމު އާސާރީ އެއްބިނާ ކަމުގައެވެ. ފަތުރުވެރީން ޒިޔާރަތްކުރާ އެންމެ ޚާއްޞަ އެއް މިއުޒިޔަމް ކަމުގައެވެ. ކޮންމެ އަހަރަކުވެސް މިލިޔަނަކަށްވުރެ ގިނަމީހުން އެގަނޑުވަރު ދެކޭން ޒިޔާރަތްކުރެއެވެ. އަޅުގަނޑުމެން ޓޮޕްކާޕީ ސަރާއޭއިން ނުކުތްއިރު ދުވަހުގެ އެހެނިހެން މަންޒިލުތަކަށް އަޅުގަނޑުމެން ގެންދާން އެޖެންސީން ފޮނުވި ވޭން އައިސްއޮތެވެ. ވޭނުގެ ޑްރައިވަރުގެ އިތުރަށް އަޅުގަނޑުމެންގެ ގްރޫޕުގައި ބައިވެރިވީ އަޅުގަނޑުމެން ދެމަފިރީންނާއި ދަރިފުޅާއި އަޅުގަނޑުމެންގެ ގައިޑް އޫޣޫރުކޮޝަމްއެވެ. ޓޮޕްކާޕީ ސަރާއޭއިން ނުކުމެ ވޭނަށް އެރިއިރު އަޅުގަނޑުގެ ޒަމީރު އަޅުގަނޑާ ކުރާ ސުވާލަކީ އަޅުގަނޑުމެން މިދަނީ ޙަޤީޤަތުގައިވެސް އެތައް ޤަރުނެއް ވަންދެން އިސްލާމީ އުންމަތުގެ މައްޗަށް ވެރިކަން ހިންގި ގަނޑުވަރު ބަލައިފައި ބާވައެވެ؟ އެ ގަނޑުވަރުގެ ބަޔެއްގައި ހިނގައިލައި ކޮންމެވެސްވަރަކަށް ތަންތަނާއި އެއްޗެހި ބަލައިލެވުނު ކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެގަނޑުވަރު ބެލުނު ކަމަކަށެއް އަޅުގަނޑުގެ ޒަމީރު ޤަބޫލެއް ނުކުރެއެވެ. އަޅުގަނޑުގެ ހިތްފުރޭވަރަށް އެގަނޑުވަރު ބަލައިލެވޭނީ އެންމެ މަދުވެގެންވެސް ދެދުވަހެއްވަންދެން އެގަނޑުވަރުގެ އެތެރެޔާއި ބޭރުގައި މުގޯލިއަޅައިގެންނެވެ. އަޅުގަނޑުގެ ޢުމުރުގައި ދެން އެފުރުޞަތު ލިބޭނެކަމެއްވެސް ނޭނގެއެވެ.

أيّـــوب سـلطـــان ގެ جــامــــع އާއި مـــــــزار

އަޅުގަނޑުމެންގެ މިއަދުގެ ޕްރޮގްރާމުގައި ދެންއޮތީ أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه ގެ جــامــــع އާއި އެކަލޭގެފާނުގެ މަޒާރު ބަލައިލާން ދިޔުމެވެ. އިސްތަންބޫލުގެ ޑްރައިވަރެއްގެ ގާތުގައި أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه ގެ ނަންފުޅު ބުނުމުން އެމީހުންނަށް އެއީ ކޮންބޭކަލެއްކަން މޭރުންކޮށްގަންނާން އުނދަގުލެވެ. އެހެނީ ތުރުކިޔޭގެ މުސްލިމުންގެ ތެރޭގައި އެކަލޭގެފާނުގެ ނަންފުޅު ޢާންމުވެ މަޝްހޫރުވެފައިވަނީ أيّـــوب سـلطـــان ގެ ނަންފުޅުންނެވެ. ތުރުކިޔޭއިން ޙުރުމަތްތެރިކޮށްހިތާ ބޭބޭކަލުންނާއި ބޭބޭކަނބަލުންގެ ނަންފުޅާ ގުޅުވައިގެން سـلطـــان ބޭނުންކުރުމަކީ ޢާންމުކަމެކެވެ. އެގޮތުން އެމާތް ޞަޙާބީންގެ ނަންފުޅު ޢާންމުވެފައިވަނީ سـلطـــان އާ ގުޅުވައިގެންނެވެ.

އަޅުގަނޑުމެން ދަތުރުކުރާ ވޭން އިސްތަންބޫލުގެ ވާހަނަގިނަ މަގުތަކުން ނެއްޓި އެންމެ އަތިރިމަތީގެ މަގަށް ނުކުތުމަށްފަހު ދުއްވަމުންދިޔައީ ވަރަށް ބާރަށެވެ. އެހެންކަމާއެކުވެސް މަންޒިލަށް ފޯރުން މާކައަވަހެއް ނުވިއެވެ. އެހެންކަމުން އަޅުގަނޑުގެ ހަނދާނަން އެވަގުތު އަންނަމުންދިޔައީ މުސްލިމުން އިސްތަންބޫލަށް ދީފައިވާ ޙަމަލަތަކެވެ. އޭގެތެރެއިން އެންމެފުރަތަމަ ޙަމަލަތަކަކީ أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه ގެ ދައުރުގައި ޞަޙާބީންގެ ބައިވެރިވެވަޑައިގެންނެވުމާއެކު ދިން ޙަމަލަތަކެވެ.

ޝައްކެއްނެތެވެ. އިސްތަންބޫލް ފަތަޙަކުރުމުގެ އަފޫރުއްބަ އައިތަވެރިކަން އަދައިގެން އެންމެފުރަތަމަ ހިންމަތާއި ބުޠޫލަތުގެ ކަމަރު ބެންނެވީ އުމައްޔަތުވަންހައިގެ ބޭކަލުންނެވެ. އުމައްޔަތުވަންހައިގެ ގިނަބޭކަލުންނަކަށެއް ފަތަޙައިގެ ކުރިން (މައްކާ ފަތަޙަކުރެއްވުމުގެ ކުރީން) ހަނގުރާމަކުރައްވައި މާތް اللّـــه ގެ މަގުގައި ހޭދަކުރެއްވުމުގެ ނަސީބުފުޅެއް ލިބިވަޑައެއް ނުގެންނެވިއެވެ. ޢާންމުކޮށް އެބޭކަލުންނަކީ އިސްލާމީ ތާރީޚުގެ އިސްތިލާޙީ ބަހުރުވައިން ދަންނަވާނަމަ ޠުލަޤާއުންނެވެ. އެހެންކަމުން އެހުރިހައި ބޭކަލުންގެ ސުލޫކު ނަބަވީ ތަރުބިޔަތުން އުއްތި ސާޔަންލެވިފައި ނުވިކަމުގައިވިޔަސް އިސްވެދިޔަ މާތްކަމާއި ހެޔޮކަމާއި ޝަރަފު އަނބުރައި ހޯއްދަވާން އެބޭކަލުން ނުހަނު ބުރަކޮށް މަސައްކަތްޕުޅު ކުރެއްވިއެވެ. މަތިވެރި ޚިދުމަތްތަކެއް ކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ވެސް އެބޭކަލުން އިސްލާމްވެވަޑައިގެންނެވީއްސުރެ އެބޭކަލުންނަށް ޚިދުމަތުގެ ފުރުސަތު ދެއްވަމުން ގެންދެވިއެވެ. އެބޭކަލުންގެ ޚިދުމަތުގެ ރަން ދައުރު ފެށެނީ الخــلـفــاء الـــرّاشــــدون ގެ ވެރިކަމާ ހަމައިންނެވެ. ޚާއްޞަކޮށް أمـيـــــرالمـــؤمــنـــيـــن عــثمـــان ذوالــنّــــــوريــــن رضــى اللّـــه عـــنــــه ގެ ދައުރުން ފެށިގެންނެވެ. އުމަވީންގެ ޙަމަލަތައް އިސްތަންބޫލަށް އަމާޒުކުރައްވާން ފެއްޓެވީ أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه ގެ ވެރިކަމުގައެވެ.

މި ސިލްސިލާގައި އަޅުގަނޑުވަނީ މުސްލިމުން އިސްތަންބޫލް ފަތަޙަކުރަން ކުރިމަސައްކަތާ ބެހޭގޮތުން عــلاّمــــة أسـلـــم ޖޭރާޖުޕޫރީ ލިޔުއްވައިފައިވާ ޚުލާޞާ ލިޔުއްވުމެއް ހުށަހަޅައިފައެވެ. އެހެންކަމާއެކުވެސް އަނެއްކާވެސް މި މައިގަނޑު ނަމުގެ ވާހަކަކޮޅެއް ލިޔެލާނަމެވެ. ތެއޮފީނަސް (Theophanes)ބަޔާންކުރައްވާގޮތުގައި "ޢާލަމީ ތާރީޚުން 6146 ވަނައަހަރު (1 ސެޕްޓެންބަރ 653މ.) ފެށުނުތަނާ أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه ސޫރިޔާގެ ޠަރާބުލުސްގައި ކަނޑުގެ ވަރަށްބޮޑު އަރުމާދެއް ތައްޔާރުކުރެއްވިއެވެ. އިސްތަންބޫލަށް ޙަމަލަދެއްވުމަށްޓަކައެވެ. بســـر بــــن أبــــى اَرْطَــاة ގެ އަމީރު ކަމުގައި މުސްލިމް އަރުމާޒުން (Phoenix Finika) ގެ އައްސޭރީގައި ލައިސިޔާގެ ކައިރީން (Lycian) ބައިޒެންޓެއިން އަރުމާޒާ ޙަމަލަދީ ބައިޒެންޓީނިޔަނުން ބަލިކޮށްލިއެވެ." އެކަމަކު މުސްލިމުންނަކަށް ޤުސްޠަންޠީނިއްޔާއާ ހަމަޔަކަށް ނުދެވުނެވެ. أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه އެދުވަސްވަރު އެއްގަމުމަގުންވެސް ޤުސްޠަންޠީނިއްޔާއާ ދިމާކުރެއްވިއެވެ.

"ހިޖުރައިން 44 ވަނަ އަހަރު (6156 ޢާލަމީ އަހަރު) عــبــدالــرّحمـــــن بـــن خــالــد بـــن الــولــيــد ގެ ވެރިކަމުގައިވެސް އިސްތަންބޫލަށް ޙަމަލަދެއްވިއެވެ. އެކަލޭގެފާނަށް ވަޑައިގެންނެވުނީ ބުރަޣުމާ (Pergamon)، އާ ހަމަޔަށެވެ. ނަމަވެސް ޢަރަބި ރިފަރެންސުތަކުގައިވާގޮތުން أمـيـــــرالـبـحــــر بســـر بــــن أبــــى اَرْطَــاة ޤުސްޠަންޠީނިއްޔާއާ ހަމަޔަށް ވަޑައިގެންނެވިއެވެ. އޭގެފަހުގެ އަހަރުތަކުގައި فَـضَــالَــة بن عُــبَـــيْــد ޗަލްސީޑަން Chalcedon އާ ހަމަޔަށް ވަޑައިގެންނެވިއެވެ."

أمـيـــــر مــعـــاويـــــة رضــى اللّـــه عـــنــــه ހިޖްރައިން 48 ވަނަ އަހަރު (ބައެއް ރިވާޔަތްތަކުގައިވާގޮތުން 49 ވަނަ އަހަރު) ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވައި ســفـيــان بـــن عـــــوف ގެ ވެރިކަމުގެ ދަށުގައި ޤުސްޠަންޠީނިއްޔާއާ ހަނގުރާމަޔަށް ފޮނުއްވިއެވެ. އެލަޝްކަރުގެ ޚާއްޞަ ބައެއްގެ މައްޗަށް އެކަލޭގެފާނުގެ ދަރިކަލުން يـــزيــد بـــن مــعـــاويـــــة ވެރިކުރެއްވިއެވެ. أبــــو أيّـــوب الأنـصــارى رضــى اللّـــه عـــنــــه ވަޑައިގެންނެވީ އެޚާއްޞަ ލަޝްކަރުގައެވެ.

(ނުނިމޭ)