ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފިއެވެ.

މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ.

މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.

ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.

އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެއްލެވި މި މައްސަލައިގައި މިހާރު އިއްވަމުން އަންނަ ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

މޮރިޝަސްއިން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން ރާއްޖެއިން އަބަދުވެސް ޔުނައިޓެޑް ނޭޝަންސްގައި ވޯޓު ދެމުންއައީ މޮރިޝަސްއާ ދެކޮޅަށް އިނގިރޭސި ވިލާތާ އެއްކޮޅަށެވެ. ނަމަވެސް މޮރިޝަސްއިން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން ރާއްޖެއިން ވަނީ ސްޓޭންޑް ބަދަލުކޮށް، ޗާގޮސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީފައެވެ.

ސަރުކާރުގެ އެ ނިންމުމަކީ ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާ ގޮތަށް ނިންމި ނިންމުމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައިފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ނުގެއްލޭނެ ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މޮރިޝަސްއާ އެއްކޮޅަށް ޗާގޮސް މައްސަލާގައި ނިންމާފައިވަނީ ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވުމުން ކަމަށެވެ.