މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި ރާއްޖޭގެ ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ކަންބޮޑުވުން އޮތް ކަމަށް ބުނެ، އެމައްސަލައިގެ ހުކުމް މަޑުޖައްސާލުމަށް އެދިވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ކަނޑުގެ ގާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް)ގެ ރައީސް އަލްބާޓް ޖޭ ހޮފްމޭންއަށް ގާސިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށްފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި ދިވެހި ގާނޫނު އަސާސީގެ ތިން ވަނަ މާއްދާއާ ފުށުއެރުންތަކެއް ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެ ސިޓީގައި ގާސިމް ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލުތަކެއް އަންނާނެކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިޓްލޮސްއަށް ހުށައެޅި މައްސަލަ މަޑުޖައްސާލުމަށް ގާސިމް އެދިވަޑައިގެންފައިވާއިރު، އިދިކޮޅު ޕީޕިއެމުންވެސް
ބުދަ ދުވަހު ވަނީ އިޓްލޮސްއަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި އެދުނީ ރައީސް ސޯލިހުގެ ސިޓީފުޅުގައި ގާނޫނީ މައްސަލަތަކެއް ހުރުމާ އެކު އެއާ މެދު ގޮތެއް ނިމުމުގެ ކުރިން އިޓްލޮސް އިން އިގުތިސޯދީ ސަރަހައްދުގެ މައްސަލަ ނިންމުން ފަސްކޮށްދިނުމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދު އިން ވަކިކުރުމުގެ ގާނޫނީ ސްޓޭންޑަށް ބަދަލު ގެނެސްފައިވާ ކަމަށް ތުހުމަތުކުރާ އިރު، ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައިނުވާނެ ކަމަށެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި 20 އަހަރެއްހާ ދުވަހު ރާއްޖެއިން ނަގަމުން އައި ސްޓޭންޑް ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އދ. ގެ ގަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" ގަރާރު އދ. ތަޅުމަށް އަލުން ހުށަހަޅައިފިނަމަ، އެ ގަރާރަށް ދިވެހި ސަރުކާރުން ތާއީދުކުރުމަށް ނިންމާފައިވާކަން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އދ. ގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވީ ނަމަވެސް، އދ. ގެ އާއްމު މަޖިލީހުން އެ ގަރާރު 2019 ވަނަ އަހަރު ފާސްކުރުމުން ރާއްޖެއިން ލީ ވޯޓުގެ ތަފުސީލުގައި ރާއްޖެއިން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ވޯޓަކީ އެ ގާރާރާ ދެކޮޅަށް ލީ ވޯޓެއް ނޫން ކަމަށެވެ. އަދި އެ ވޯޓަކީ އިސްތިއުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅުމުން އައި ޒަމާންވީ ސިޔާސަތު ބަދަލުވެ، އެކަމާ ދެކޮޅަށް ދިން ވޯޓެއް ނޫން ކަމަށްވެސް ރައީސް ސަރުކާރުން ބުނެފައިވެއެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި މިއަދު ހުކުމްކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު