ލ. އަތޮޅު ގަމާއި އެ ރަށާއި ގުޅިފައި އޮންނަ ފޮނަދޫ ރައްޔިތުންނަށް ލަގްޒަރީ ހޮޓަލެއް އިމާރާތްކޮށްދިނުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ހުށަހަޅުއްވައިފިއެވެ.

އުއްޗުގެ ފަރާތުން މިހާރު ވަނީ ރައްޔިތުން ހިއްސާވާ ގޮތަށް މި މަސައްކަތް އެ ދެރަށުގެ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް އެދި ލެޓާ އޮފް އިންޓްރެސްޓް ވެސް ފޮނުއްވައިފައެވެ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "ވަން" އަށް މިއަދު ވިދާޅުވީ، އުއްޗުގެ ފަރާތުން އެރަށުގައި ހޮޓަލެއް ހެދުމަށް މިމަހުގެ 24 ވަނަ ދުވަހު ހުށަހަޅުއްފައިވާ ކަމަށެވެ.

"އޭގައި މި އޮންނަނީ ރައްޔިތުންނާ ހިއްސާވެގެން ހޮޓަލެއް ހެދުމަށް. ދެން އެންމެ ރަނގަޅު ލޮކޭޝަން އަޅުގަނޑުމެން ކައުންސިލުން މަޝްވަރާކޮށްފައި ނިންމާނީ،" ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވި ގޮތުގައި ފޮނަދޫ ކައުންސިލަށްވެސް ޗަންޕާގެ ފަރާތުން ވަނީ ރައްޔިތުންނާ ހިއްސާވެގެން ލަގްޒަރީ ހޮޓަލެއް ހެދުމަށް ހުށަހަޅާފައި ކަމަށެވެ.

އުއްޗުއަކީ ރާއްޖޭގައި ލަގްޒަރީ ރިސޯޓް ވިޔަފާރި ކުރައްވާ ރާއްޖޭ އެންމެ ބޮޑު އެއް މަހުޖަނެވެ. ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓު ވެސް ހުންނަނީ އުއްޗުގެ ރިސޯޓެއްގައެވެ.