ޚަބަރު

އެމްއެމްއޭއިން މިދިޔަ އަހަރު 994 މިލިއަން ޑޮލަރު ވިއްކި، 73 ޕަސެންޓް އެސްއޯއީތަކަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ އިގުތިސާދަށް މިދިޔަ އަހަރު 993.7 މިލިއަން ޑޮލަރު ވިއްކި ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ ޖުމްލަ އަދަދަކީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 53 ޕަސެންޓް އިތުރު އަދަދެކެވެ.

ވިއްކި ޑޮލަރުގެ 73 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކާފައިވާ އިރު، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތަކަށް ޖުމްލަ 726 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.

ދެވަނައަށް އެންމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ ބޭންކުތަކަށެވެ. އެގޮތުން ކޮމާޝަލް ބޭންކުތަކަށް 267.7 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށާއި ކިޔެވުމަށް ދިޔަ ދިވެހިންނަށް 33.3 މިލިއަން ޑޮލަރު އަދި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް މީހަކަށް 500 ޑޮލަރު ވިއްކުމުގެ ސިޔާސަތުގެ ދަށުން 60.9 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން ހައްޖަށާއި އުމްރާއަށް ދިޔަ މީހުންނަށް 15.4 މިލިއަން ޑޮލަރު ވިއްކި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެސްއޯއީތަކަށް ވިއްކި ޑޮލަރުގެ އަަދަދު، އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 90 ޕަސެންޓު ވަނީ އިތުރުވެފައެވެ. އެއީ މިިދިޔަ އަހަރު ބޭރުގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ބޭރުން ދަރަންޏަށް ފައިސާ ނެގުމަށް ކުރަން ޖެހުނު ހަރަދު ބޮޑުވުމުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ބޭރު ފައިސާއަށް އޮންނަ ޑިމާންޑު މިދިޔަ އަހަރު އިތުރުވެފައިވުމާ އެކު ބޭންކުތައް މެދުވެރިކޮށް އެތެރޭގެ އިގުތިސޯދަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ސަޕްލައި އެ އިދާރާއިން ވަރަށް ބޮޑަށް އިތުރުކުރިއެވެ.

މީގެ އިތުރުން ގްރޮސް އިންޓަނޭޝަނަލް ރިޒާވްގެ އެކަށީގެންވާ މިންވަރެއް ދެމެހެއްޓުމަށާއި މާކެޓްގެ އިތުބާރު އުފެއްދުމަށްޓަކައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްއެމްއޭއިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ސޮައިކުރި ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ނުވަތަ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދައިފައެވެ.