ޚަބަރު

މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނިކޮށް މިދިޔަ މަހުގެ 21 ވަނަ ދުވަހު

ފައިހް އަމިއްލައަށް ފުލުހަށް ހާޒިރުވުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ފައިހުގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. އެ 30 ދުވަސް އިއްޔެއަށް ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ފައިހް ބަންދުކޮށް ދިނުމަށެވެ. ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ, އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ނަމަވެސް ފައިހުގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރުކޮށްދިނީ 15 ދުވަހެވެ.

ފައިހު ހައްޔަރުކުރިޔަ ނުދިނުމަށް އޭނާ ފޮރުވައި ހިމާޔަތްދިން ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ދެން ތިބި ދެ މީހުން ދޫކޮށްލައިފައެވެ.