މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ތެރެއިން 1،000 ބުޅާ ނުވިހާ ގޮތް ހެދުމަށް ވިސްނާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 98 ވަނަ ޖަލްސާގައި ވަނީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވާ މައްސަލަ ހައްލު ކުރާނެ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅައިފައެވެ.
އެ ޕްރޮޕޯސަލްގައި ވަނީ ވަގުތީ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ހިންގަން ހުށަހަޅައިފައެވެ. ޕްރޮޕޯސަލްގައި ވަނީ ޖަމިއްޔާތަކުން ކައުންސިލާ ބައްދަލުކޮށްގެން ވަގުތީ ގޮތުން އެކަމަށް ގެންނާނެ ހައްލަކާ ބެހޭގޮތުން ދެކެވުނު ވާހަކަތަކެވެ. އެއީ މަގުމަތީގައި އުޅޭ 1،000 ބުޅާ ނިއުޓާ ކުރުން ނުވަތަ ނުވިހާ ގޮތް ތިން މަސް ދުވަހުގެ ތެރޭގައި ހެދުމެވެ.
އެކަމަށް ހަރަދުކުރާނީ ކައުންސިލުގެ ބަޖެޓުންނެވެ. ކޮންމެ ބުޅަލެއް ނިއުޓާ ކުރަން 1،200ރ. ހަރަދުވާ އިރު، މުޅި ޖުމުލަ އެ މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އަދި ބުޅާ ނިއުޓާ ކުރާނީ ޓްރެއިން ޕްރޮފިޝަނަލް މީހުން ލައްވާ ކަމަށް ޕްރޮޕޯސަލްގައިވެއެވެ.
އެ ޖަލްސާގައި އެކަމާ ގުޅޭގޮތުން މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލުން ޖެހެނީ ވަގުތީ ގޮތުން އެކަން ކުރާ ތަނަކާއި ސެޓަޕެއް ހަމަޖައްސައިދޭން ކަމަށެވެ. އަދި ބުޅާ ހިފައި ގެނެސް ހެދުމަށް ޓްރާންސްޕޯޓް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނިއުޓާ ކުރާ ބުޅާތައް ބައިތިއްބާނެ ވަގުތީ ފެސިލިޓީއެއް ހެދުމާއެކު، އެ މަސައްކަތަށް ޖުމުލަ 1.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ. ކައުންސިލުގެ ހަރަދުގައި ހަދާ އެ ފެސިލިޓީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ނީލަން ފިހާރަ ހުރި ބިމުގައެވެ. ނަމަވެސް ކައުންސިލުން އެކަން މުޅިން ނިންމައިފައެއް ނުވެއެވެ.
މުއިއްޒު ވިދާޅުވީ ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށަން އެންމެ ފަހުގެ ތައްޔާރުތައް ވަމުން އަންނަ ކަމަށާއި ތިންފަހަރު މަތިން އިއުލާންކޮށްގެން މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދާއިމީ ފެސިލިޓީއެއް ހަދަން ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ވިދާޅުވިއެވެ.
ޖަލްސާގައި މާލޭގެ މަގުތަކުގައި އާދަޔާ ހިލާފަށް ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުންދާކަމުގެ ޝަކުވާ އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން މީސްމީޑިއާގެ ޒަރިއްޔާއިންވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ކައުންސިލުގެ ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ އެކަމާ ކައުންސިލުން ކުރާ މަސައްކަތަކީ ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ނަތީޖާ ނެރެވޭނެގޮތަށް ޓޭބަލްކުރެވި އަންނަ ހަފުތާއަށް އިދާރީ ކަންކަން ނިންމަވައިދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އިއްޔެގެ ޖަލްސާގައި ޕްރޮޕޯސަލް ފާސްކޮށްފައެއް ނުވެއެވެ. އެ ޕްރޮޕޯސަލް ފާސްނުކުރީ މަސައްކަތާ ގުޅޭގޮތުން ބައެއް ކައުންސިލަރުން ފާހަގަކުރެއްވި އޮޅުން އަރާ ކަންކަން އިސްލާހުކޮށްފައި އަލުން މަޝްވަރާކުރުމުގެ ގޮތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު