ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި، މ. ލޭންޑް އޮފް ގާޑްން، ފާތިމަތު ޝިރުވީނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވި މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުވައިފިއެވެ.

ޝިރުވީނަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީންއާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން، މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރުމަށް އެސްއޯއީ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރެއްވީ ގާނޫނީ ދާއިރާއިންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް އައްޔަންކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތްކުރައްވަމުން ގެންދެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ) ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

ޝިރުވީންއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.