ރާއްޖޭގެ ސަރަހައްދުން އެހެން ގައުމަކަށް އަކަ އިންޗިއެއްވެސް ނުދެވޭނެކަން ބަޔާންކޮށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ސިޓީއެއް ފޮނުވަން ނިންމަވައިފިއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިޓްލޮސްއަށް ޔާމީން ފޮނުވާ ސިޓީގައި ސޮއިކުރުމުގެ ދައުވަތު އެހެން ސިޔާސީ ޕާޓީތަކަށްވެސް ފޮނުވާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އިޓްލޮސްއަށް ސިޓީއެއް ފޮނުވަން ޔާމީން ނިންމެވީ އެމަނިކުފާނަކީ ވަތަނީ ބޭފުޅަކަށްވުމުން ކަމަށެވެ.
"މިކަހަލަ ގައުމީ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިސްނަންގަވާ ބޭފުޅަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުއްގައްޔޫމް. އެމަނިކުފާނަކީ އަބަދުވެސް ވަރަށް ވަތަނީ ބޭފުޅެއް. ދިވެހި ފަސްގަނޑުން އަކަ އިންޗިއެއްވެސް ގެއްލިގެން ދިއުމަކީ އެމަނިކުފާނު ބަލައިގަންނަކަމެއް ނޫން، ގަބޫލުފުޅު ކުރައްވާކަމެއް ނޫން. އަދި އެކަން އެގޮތަށްވާން ދޫކޮށްލައިގެން ހުންނެވުމަކީވެސް އެމަނިކުފާނު ކުރައްވާނެކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އިޓްލޮސްއަށް ފޮނުވާ ސިޓީގައި ރާއްޖޭގެ ބައެއް ދޫކޮށްނުލެވޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ސިއްރު ސިޓީއަކުން ދިވެހި ރައްޔިތުންގެ ނުގަބޫލުން އެ ރައްޔިތުންގެ ހައްގު ގެއްލޭކަމެއް ނުރެއްވޭނެ ކަމަށް ބަޔާންކުރުމަށް ޔާމީން އެދިވަޑައިގެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަދި ހަމައެއާކީގައި މި ސިޓީގައި ސޮއިކުރައްވަން ބޭނުންވާ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް އަޅުގަނޑުމެން ދައުވަތު އަރުވަން މި ސިޓީގައި ސޮއިކުރައްވަން. މިއީ ގައުމީ މައްސަލައެއް ކަަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންނަށް އެ ފުރުސަތު ފަހިކޮށްދޭނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަކީ ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުންނަމަ ސިޓީގައި ސޮއިކުރައްވާނެ ކަމަށެވެ. އަދި އެޓާނީ ޖެނެރަލާއި ފޮރިން މިނިސްޓްރީއަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔާމީން އިޓްލޮސްއަށް ސިޓީއެއް ފޮނުވަން ނިންމަވާފައި މިވަނީ އަންނަ ހުކުރު ދުވަހު މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ކުރި ދައުވާގެ ހުކުމް އިއްވަން ނިންމާފައިވަނިކޮށެވެ.
އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި އޮތް ޗާގޯސް، މޮރިޝަސްއަށް ދޫކޮށްލަންޖެހޭ ކަމަށް ބުނެ, އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު ނެރެފައިވާ ލަފާ ބަލައިގަންނަން އދ. ގެ އާންމު މަޖިލީހުން ފާސްކުރި އިރު ރާއްޖެއިން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ. ނަމަވެސް 116 ގައުމެއްގެ ތާއީދާއެކު އެ ގަރާރު ފާސްވީ މޮރިޝަސްއާ އެއްކޮޅަށެވެ.
ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިޓްލޮސްގައި ރާއްޖެއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންނުވާނަމަ ދެން އޮންނާނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.
އިޓްލޮސްގައި ރާއްޖެ ތަމްސީލުކުރައްވާ އިސް ވަކީލު ޕްރޮފެސަރު ޕަޔަމް، މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އިޓްލޮސްގައި ރާއްޖެއިން ވަކާލާތު ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި ރާއްޖޭގެ ކޭސް ވަރުގަދަ ކަމަށެވެ. އަދި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ޖިއޯޕޮލިޓްކްސް ފެންވަރުގެ ޑިސްޕިއުޓެއް ނެތް ކަމަށާއި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބައުންޑަރީގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތަށް ކޮންމެ ގައުމެއްގެ އައްސޭރިފަށުން 200 މޭލު ގުނާއިރު ފުށުއަރާ ހިސާބު ބެހުމުގައި ކަމަށް ޕަޔަމް ވިދާޅުވެފައިވެއެވެ.
އިޓްލޮސްގައި ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖެއިން ބައެއް ގެއްލިގެން ނުދާނެ ކަމަށާއި ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައިވާ ނުވަތަ ފުށޫއަރާ ސަރަހައްދު އެއްކޮށް ރާއްޖެއަށް ލިބެންވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަޔަސް، އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށް ޕަޔަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު