މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ގޯއްޗާއި ފްލެޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ރައީސް ޔާމީންގެ ސަރުކާރުން ދިންގޮތަށް މާލޭ ރައްޔިތުންނަށް ދޭނީ ހަމައެކަނި ލިޔުމެއް ނޫން ކަމަށާއި، ގޯތި ދައްކައި ފުލެޓުވެސް ދެއްވާނެ ކަމަށް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ، ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން އަލީ އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ނުވަތަ ބޯހިޔާވަހިކަމެއް ދޭނެ ކަމަށް އެކި ފަހަރުމަތިން ސަރުކާރުން ބުނެފައިވާ އިރު، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމާ ހަމައަށް ގޮސް، އިންތިހާބު ބާއްވަން ތިން މަސް ދުވަހަށް ވެފައިވާ އިރުވެސް އެކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.

"ހައްތާވެސް މާދަން ދޭނެ ކަމުގެ އުއްމީދެއް މި އޮންނަނީ، އެހެންވީމާ ރައީސް ޔާމީން ހެއްދެވި ގޮތަށް ދައުރު ނިމެންދާ އިރުގައި އެއްކަލަހެން، ހަމައެކަނި ލިއުމެއް ބަހައިފަ ދޭގޮތަށްތޯ، މި ސަރުކާރުގެ ވިސްނުންވެސް އޮތީ،"

އެހެންކަމުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް، ގޯޗެއް ލިބޭނީ ކޮން އިރަކުންތޯ، އަލީ އާޒިމް ސުވާލު ކުރެއްވިއެވެ.

އަލީ އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ދިންގޮތަށް، މާލޭ ރައްޔިތުންނަށް މިސަރުކާރުން ދޭނީ ހަމައެކަނި ލިއުމެއް ނޫން ކަމަށާއި ގޯއްޗާއި ފްލެޓްވެސް މި ސަރުކާރުން ދޭނެ ކަމަށެވެ.

"ހަމައެކަނި ލިޔުމެއް ނޫން ދޭނީ، ގޯތި ދައްކާފަ އެކަން ކުރަނީ، ފްލެޓްތަކުގެ ތެރޭގައި ބައެއް ފްލެޓްތައް، ސީދާ ވަންނަ މިންވަރަށް ނުނިމި ހުރެދާނެ، އެހެން ނަމަވެސް އޭގެ ބޮޑުބައި ނިމިފަ، އަދި އެއްބައި ފްލެޓްތައް ނިމޭނެ އެކީގަ. އަޅުގަނޑު ނެތިން ދަންނަވާކަށް އަޅުގަނޑު އުންމީދުކުރި ހުރިހާއެއްޗެއް 100 ޕަސެންޓް ނިމޭނެ ކަމަކަށެއް، އޮންގޮއިން މަސައްކަތްތައްވެސް އޭގައި ހުންނާނެ ދައުރު ނިމިގެންދާއިރު." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދިނުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 35،861 ފޯމް ހުށަހަޅާފައިވާ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމްގެ ދަށުން، ގޯއްޗަށް އެދި ހުށަހެޅި 15164 ފޯމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތިން ކޮޓަރީގެ އެޕާޓްމަންޓަށް އެދި 14489 ފޯމް އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމެވެ.

ބިންވެރިޔާ ސްކީމް އާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރެއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ.

މާލޭން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ހައުސިން މުހައްމަދު އަސްލަމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.