ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ފުޓުބޯޅަ ކުޅުންތެރިންގެ މުސާރަ ކެޕް ކުރުމަށް ކްލަބުތަކުން ރުހޭ ކަމަށް ޔޫއެފާގެ ރައީސް އެލެކްސާންޑްރާ ޗެފެރިން ވިދާޅުވެއްޖެއެވެ.
ޔޫއެފާގެ ރައީސް ކަމަށް އިތުރު ދައުރަކަށް ދާދިފަހުން ހޮވިވަޑައިގެންނެވި ޗެފެރިން ކުޅުންތެރިންގެ ސެލެރީ ކެޕް ކުރުމަށް ޔޫރަޕިއަން ކޮމިޝަނާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެކަމަށް ބޮޑެތި އަދި ކުދި ކްލަބުތަކުންވެސް އެއްބަސްވާ ކަމަށެވެ.
"ހައިރާންކަމާއެކު ބުނަން އޮތީ އެކަމަށް (ސެލެރީ ކެޕަށް) ކުދި އަދި ބޮޑެތި ކްލަބުތަކުގެ އިތުރުން ސްޓޭޓްތަކުންނާއި ބިލިއަނަރުން ކޮންޓްރޯލް ކުރާ ކްލަބުތަކުންވެސް ރުހޭ. މުސާރަތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ މުސްތަގުބަލުގައި ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް. މާ ބޮޑަށް ކްލަބުތަކުގެ ބަޖެޓުން މުސާރަތަކަށް ހަރަދުކުރަން ޖެހިއްޖެނަމަ، މުބާރާތްތަކުގެ ވާދަވެރިކަން ވަރަށް ބޮޑަށް ގެއްލޭ. ލީގުތަކުގެ ބެލެންސް އެބަ ގެއްލޭ،" ޗެފެރިން ވިދާޅުވިއެވެ.
ޗެފެރިން ވިދާޅުވީ މުބާރާތްތަކުގެ ވާދަވެރިކަމަކީ މުހިއްމު ކަމެއް ކަމަށާއި، ފަަސް ވަރަކަށް ޓީމުން އަބަދުވެސް ލީގަށް ވާދަކޮށް، ދެތިން ޓީމަކުން އަބަދު ލީގުތައް ކާމިޔާބުކުރުމަކީ ހަމަޖެހޭ ވިސްނުމެއް ނޫން ކަމަށް ދެކިލައްވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސެލެރީ ކެޕް ކުރާނަމަ، އެކަމަށް ޔޫއެފާގެ ހުރިހާ ލީގުތަކަކުން އެއްބަސްވުމަކަށް ދާން ޖެހޭ ކަމަށާއި، އެއް ލީގަކުން އެކަން ކޮށްފައި އަނެއް ލީގަކުން އެކަން ނުކޮށް ދޫކޮށްލައިފިނަމަ އެއީ ހެދޭނެ ގޯހެއް ކަމަށެވެ.
ޔޫއެފާއިން ދާދިފަހުން އެކުލަވާލި ފައިނޭންޝިއަލް ފެއާ ޕްލޭ އުސޫލު ބުނާ ގޮތުން، 2024 ވަނަ އަހަރުން ފެށިގެން ކޮންމެ ކްލަބަކަށްވެސް ޓްރާންސްފާތަކާއި މުސާރަތަކަށް ހޭދަކުރެވޭނީ ކްލަބެއްގެ އާމްދަނީގެ 70 ޕަސެންޓެވެ. ޗެފެރިން ވިދާޅުވީ އެއީވެސް އަދި ގިނަ ކްލަބުތަކަށް ހޯދައިދެވޭ ހައްލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ފަސް ބިލިއަން ވަރު އާމްދަނީއަށް ޖެހޭ ކްލަބަކަށް 70 ޕަސެންޓަކީ ބޮޑު އަދަދެއް ކަމަށެވެ.
ޔޫއެފާއިން ސެލެރީ ކެޕަކަށް މަޝްވަރާ ކޮށްފައިވާ އިރު، ދާދިފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ވަނީ ފުޓުބޯޅައިގެ މުސާރަތައް ކުޑަކޮށް، އެއް ހަމައެއްގައި ހިފަހައްޓަން އުސޫލެއް ހެދުމުގެ ވާހަކަތައް ދައްކަވާފައެވެ. އިންފަންޓީނޯ އޭރު ވިދާޅުވީ ފުޓުބޯޅަ، މުޅި ދުނިޔެއަށް ހަމަހަމަ ކުރުމަށް ފީފާއިން ހަރުކަށި އުސޫލުތަކެއް ހަދަން ގަސްދުކުރާ ކަމަށާއި، ސެލެރީ ކެޕެއް ދުނިޔޭގެ ފުޓުބޯޅައަށް އެކުލަވާލުން އޭގައި ހިމެނޭނެ ކަމަށެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ