ވ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މައްސަލައިގައި ރޭ ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިސްކިތައް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާއިން މިއަދު "ވަން" އަށް ބުނީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހާއަށް ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް ވީދާލި ކަމުގެ ތުހުމަތުވެސް ކުރެއެވެ. މަސްޖިދުލް ޒައިން ބިން ސާބިތުގައި ހުރި 20 ހަތިމު ވީދާލާފައި ހުއްޓާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުއެވެ.

ކެޔޮދޫ މިސްކިތެއްގައި ހުރި ހަތިމުތަކެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ވީދާލާފައިވެ އެވެ. އެ ފަހަރު ވީދާލާފައިވަނީ 10 ވަރަކަށް ހަތިމެވެ.