ދުބާއީގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، ރާއްޖޭގެ ޒަޔާން ޒަކީ މެއިން ޑްރޯގެ ގަދަ 32 ކުޅުންތެރިންގެ ބުރަށް ކޮލިފައިވެއްޖެއެވެ.
އޭޝިއާގެ އެންމެ ވަރުގަދަ ކުޅުންތެރިން ވާދަކުރާ ބީޑަބްލިއުއެފް ސެންކްޝަން މުބާރާތެއް ކަމަށްވާ، އޭޝިއަން ޗެމްޕިއަންޝިޕް މިއަދު ދުބާއީގައި ފަށާފައިވާ އިރު، މުބާރާތް މިމަހުގެ 30ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިފަހަރު އޭޝިއާ މުބާރާތުގައި ރާއްޖޭގެ ފަސް ކުޅުންތެރިން ވާދަކުރަމުން ދެއެވެ. އެ ފަސް ކުޅުންތެރިންނަކީ މުހައްމަދު އަޖުފާން، ނިބާލް އަހުމަދުގެ އިތުރުން ފާތިމަތު ނަބާހާއާއި އާމިނަތު ނަބީހާ އަދި ޒަޔާން ޒަކީއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ފަސް ކުޅުންތެރިންނަކީވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދާ ބެޑްމިންޓަން ސްކޮޑުގައި ހިމެނޭނެ ކަމަށް ބެލެވޭ ކުޅުންތެރިންނެވެ. އެހެންކަމުން މުބާރާތުގެ ތަޖުރިބާ ވެގެންދާނީ މުހިއްމު ތަޖުރިބާއަކަށެވެ.
ޝެއިޚް ރާޝިދު ބިން ހަމްދާން އިންޑޯ ބެޑްމިންޓަން ހޯލްގައި މިއަދު އޭޝިއަން ޗެމްޕިއަންޝިޕް ފެށީ ސިންގަލްސްގެ އިތުރު ޑަބަލްސްއާއި މިކްސް ޑަބަލްސްގެ ގްރޫޕް ސްޓޭޖު މެޗުތަކުންނެވެ. ޒަޔާން ގަދަ 32 އަށް ދިޔައީ ސިންގަލްސް ގްރޫޕް އޭގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ.
ކޮންމެ ގްރޫޕެއްގައި ތިން ކުޅުންތެރިން ވާދަކުރާ އިރު، ގަދަ 32 އަށް ކޮލިފައިވަނީ އެންމެ ކުޅުންތެރިއެކެވެ. ޒަޔާން ފުރަތަމަ މެޗުގައި ބުރުނާއީގެ ކާ ކިޓް ކާން ބަލިކުރީ ސީދާ ދެ ސެޓުންނެވެ. ޒަޔާން ސެޓުތައް ގެންދިޔައީ 21-8 އަދި 21-4 އިންނެވެ. ދެވަނަ މެޗުގައި ޒަޔާން ޔޫއޭއީގެ މުހައްމަދު ފަލަމަރާޒީ ބަލިކުރީވެސް ދެ ސެޓުންނެވެ. ސެޓުތައް ޒަޔާން ގެންދިޔައީ 21-5، 21-5 އިންނެވެ.
މިކްސް ޑަބަލްސްގައި ޒަޔާނާއި ނަބާހާ ވާދަކޮށްފައިވާ އިރު، ގްރޫޕް އޭގައި ކުޅުނު މެޗުން ބަލިވީ ލަންކާގެ ޗަމަތު ޑިއާސްއާއި ނަތާޝާ ގުނަސެކޭރާ އަތުންނެވެ. އެ ގްރޫޕުގައި ވާދަކުރަން އޮތް އިންޑިއާގެ ޕެއާއިން މުބާރާތަށް ގޮސްފައިވުމުން ލަންކާ ޓީމު ވަނީ މެއިންޑްރޯއަށް ކޮލިފައިވެފައެވެ.
ރާއްޖޭގެ ކުޅުންތެރިންގެ އިތުރު މެޗުތަކަށް ބަލައިލާ އިރު، އަންހެން ސިންގަލްސް ގްރޫޕް ބީގައި ނަބާހާ ކުޅުނު މެޗުގައި ސޯމާލިއާގެ ކަމީލާ ސްމަގުލޯވާ އަތުން ބަލިވީ 21-17، 21-15 އިންނެވެ. އެ ގްރޫޕުގައި އޮތް އިންޑޮނޭޝިއާ ކުޅުންތެރިޔާ ވާދަކޮށްފައިނުވާތީ އިތުރު މެޗެއް ކުޅެން ނުލިބި ނަބާހާ ވަނީ ކަޓައިފައެވެ.
އަންހެން ޑަބަލްސް އިވެންޓުގައި ނަބީހާއާއި ނަބާހާ ވާދަކުރަން ޖެހުނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން އޮތް ފިލިޕީންސާއި އިންޑިއާ ޕެއާއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ނަބާހާއާއި ނަބީހާ ވަނީ ބަލިވެފައެވެ. ނިބާލާއި އަޖުފާނުގެ ޕެއާއިން ޑަބަލްސްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ އިރު، އެ ޕެއާ ބަލިވީ ހޮންގްކޮންގާއި ތައިލެންޑްގެ ޕެއާތައް އަތުންނެވެ.
މުބާރާތުގެ މެޗުތައް މާދަމާވެސް ކުރިއަށްދާ އިރު، ގަދަ 32 ގެ ބުރުގައި ޒަޔާން މާދަމާ ނުކުންނާނީ ޖޯޑަންގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ ބަހައެދީން އަހުމަދު އަލްޝަނިކާ ދެކޮޅަށެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން