ޚަބަރު

ފެނަކައިން އަމިއްލަ ކުންފުންޏަކަށް ނުދައްކާ އޮތް 11.8 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަނުން ވިޔަފާރިއަކަށް ނުދައްކާ އޮތް 11.8 މިލިއަނަށް ރުފިޔާ، އެއް މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ދައުވާއަކީ އިކުއިވީ އިންވެސްޓްމަންޓް އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ކުރެވިފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން ނުދައްކާ އޮތް 4,8 މިލިއަން ރުފިޔާގެ ބިލަކާއި 58،300 ރުފިޔާގެ ބިލަކާއި 2.7 މިލިއަން ރުފިޔާގެ ބިލަކާއި 2.7 މިލިއަން ރުފިޔާގެ ބިލް އަދި 2.7 މިލިއަން ރުފިޔާގެ ބިލާއެކު ޖުމުލަ 13.1 މިލިއަން ރުފިޔާ އާއި އެ ފައިސާ ދައްކަން ދީފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި 5.3 މިލިއަން ރުފިޔާއާ އެކު ޖުމުލަ 18.4 މިލިއަން ރުފިޔާ ހޯދުމަށް އިކުއިވީގެ ފަރާތުން ފެނަކައާ ދެކޮޅަށް ކޮށްފައިވާ ދައުވާއެކެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުގައިވާ ގޮތުން މިގަޒިއްޔާގެ ދައުވާ ފޯމާއި ދައުވާ ފޯމާ އެކު ފޮނުވަންޖެހޭ ލިޔެކިޔުންތައް 18 ޖަނަވަރީ 2023 ގައި ފެނަކައަށް ފޮނުވާފައިވީ ނަމަވެސް، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފެނަކައިން ދައުވާއަށް ރައްދުދީފައިނުވާ ކަމަށެވެ.

ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި ދިޔަފަހުން 16 ފެބްރުވަރީ 2023 ގައި ފެނަކަގެ ފަރާތުން ވަނީ "ދައުވާގެ ބަޔަކަށް އެއްބަސްވާ ފޯމު" ކޯޓަށް ފޮނުވައިފައެވެ. މި ފޯމުގައި ފެނަކަގެ ފަރާތުން ވަނީ 11.9 މިލިއަން ރުފިޔާ ނުދައްކަވާ ކަމަށް އެއްބަސްވެ، އެ ފައިސާ ފަސް މަސް ދުވަހަށް ބަހާލައިގެން ދެއްކުމަށް އެދިފައެވެ. ނަމަވެސް ޖޫރިމަނާގެ ފައިސާ ދައްކަން އެކުންފުނިން އެއްބަސްވެފައިނުވާ ކަމަށް ހުކުމުގައިވެއެވެ.

ފެނަކައިގެ އެ ފޯމާ ގުޅިގެން އިކުއިވީގެ ފަރާތުންވެސް ބުނެފައިވަނީ ދައުވާ ކޯޓަށް ހުށަހެޅި ފަހުން ފެނަކައިން 1،250،000 ރުފިޔާ ދައްކާފައިވާ ކަމަށާއި ބާކީ 11.8 މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެދިފައިވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި އިންސާފުވެރި އަދަދެއް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

ފެނަކައިން ދައުވާއަށް އިއުތިރާފުވެފައިވާތީ، ސިވިލް ކޯޓުން ހުކުމް ކުރީ އެކުންފުނިން ދައްކަން ޖެހޭ 11.8 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށެވެ. ނަމަވެސް މަދަނީ އިޖުރާތުގެ ގާނޫނަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ އިކުއިވީގެ ފަރާތުން އެދިފައިވާ ގޮތަށް ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.