އއ. މަތިވެރީގެ އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ) ގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ މި އަހަރުގެ މުބާރާތް، އެސްޓީއޯ އަމްސާ ކަޕް 2023 ޗެމްޕިއަންކަން ރޯޔަލް ނައިޓްސް އެފްޓީން ހޯދައިފިއެވެ.

މިފަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެފައިވާ އިރު، އީދު ތިން ދުވަހު ވަނީ މެޗުތައް ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ އީދު ދުވަހު މެޗުތައް ފަށާފައިވާ އިރު، ގްރޫޕް ސްޓޭޖު ނިންމައި އިއްޔެ ވަނީ ސެމީ ފައިނަލް ދެ މެޗު ކުޅެ، ރޭ ފައިނަލު ކުޅެފައެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ދެ މެޗުގައިވެސް ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ސެމީގައި މާންސް ސިއޮންސް އާއި ރޯޔަލް ނައިޓްސް އެފްޓީ ވާދަކުރި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ރޯޔަލް ނައިޓްސް އެފްޓީން މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ސެމީގައި މާންސްއިން ރޯޔަލް ނައިޓްސް އެސްސީ ވާދަކުރި އިރު، އެމެޗު ޕެނަލްޓީގައި މާންސްއިން ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ފޯރިގަދަކޮށް ރޭ ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ގޯލު ޖެހީ މާންސްއިންނެވެ. މެޗުގެ ފުރަތަމަ ފަސްވަރަކަށް މިނެޓު ތެރޭގައި އެ ގޯލު ޖެހީ އަލީ މާއިސް (މައްޓު) އެވެ. އެއްވަރު ކުރަން ރޯޔަލް ނައިޓްސް އެފްޓީން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ދެވަނަ ހާފުގައެވެ. އެޓީމުގެ ގޯލު ޖަހައިދިނީ އަހުމަދު އައިހަމްއެވެ.

މެޗު 1-1 އިން އެއްވަރުވެ ޖެހި ޕެނަލްޓީގައި ރޯޔަލް ނައިޓްސް އެފްޓީން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

އަމްސާ ކަޕް ފުޓްސަލް މުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. އަމްސާ ކަޕް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.

މުބާރާތް ނިންމައި، އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ރޭ ތަށްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ދީފައިވާ އިރު، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އިސްމާއީލް ޝާޒެވެ. އެއީ މާންސް އެކަޑެމީގެ ކުޅުންތެރިއެކެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް މާންސް އެކަޑެމީގެ ހުސައިން އަޒިޔާން އައްބާސް ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ މާންސްގެ މައްޓު އާއި ރޯޔަލް ނައިޓްސް އެސްސީގެ އިބްރާހީމް ރިމާހު (ރިމޭ) އެވެ. ފެއާޕްލޭ ޓީމަކީ މާންސް އެކަޑެމީއެވެ.

  • އަލީ މާއިސް (މައްޓު)/ މާންސް
  • އަލީ ރިމާހު/ ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބު
  • މުހައްމަދު ސާދު ނިޒާރު/ މާންސް
  • އައިހަމް އާދިލް ރަޝީދު، ގޯލްކީޕަރު/ މާންސް ސިއޮންސް
  • އަހުމަދު ބައްސާމް (ބައްކު)/ ރޯޔަލް ނައިޓްސް އެފްޓީ

އަމްސާއިން މިފަހަރުގެ މުބާރާތްވެސް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ އިރު، މުބާރާތުގައި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެ ޖަމިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޓައިޓަލް ސްޕޮންސަރު އެސްޓީއޯ އާއި ކޯ ސްޕޮންސަރު އެސްއައިއެސް ޓޫރިސްޓް ވިލާގެ އިތުރުން މަތިވެރި ކައުންސިލާއި ބިލް ގްރަފީ، ފިއުޗާ ޕްރޮމޯޝަން އަދި އިރުބެ ކެފޭގެ ނަން ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އަމްސާ ކަޕް 2023 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.