ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރި ދައުވާގައި، މޮރިޝަސްއަށް ސަރުކާރުން ތާއީދު ކުރީ، 500 މިލިޔަން ޑޮލަރުގެ ޑީލެއްގެ ދަށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކޮށްފައިވާ ސަބަބު ހާމަކޮށްދިނުމަށާއި އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަ ކުރުމަށާއި މޮރިޝަސްއާ އެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، އެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުކޮށް ރާއްޖޭގެ ސަރަހައްދެއް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
"ރާއްޖޭގެ ސަރަހައްދެއް މި ދޫކޮށްލަނީ، އެންމެކުޑަ މިނުން، މަނިކުފާނުކުރެއް އައްސަވާލައްވަން ހަމަ ރަނގަޅުތާ، ދިވެހި ތާރީހަށް ހިދުމަތްކުރާ މަޖިލިސްތަކާއި އެކިއެކި ތަންތަން އެބަހުރި ހައްދަވައިފަ، ހެރިޓޭޖް ޑިޕާޓްމަންޓްތައް ހައްދަވައިފަ، އެއިން އެއްވެސް ފަރާތަކާ އަހާލުމެއްނެތި އެމީހުން ޑީކޮލޮނައިޒްކޮށްފަ ނުވަތަ ކޮލޮނައިޒް ކޮށްފަ އޮތް ބައެކޭ ކިޔައިފަ އަޅުގަނޑުމެންގެ ސަރަހައްދެއް ވިއްކާލަން މިއުޅެނީ،" އެ މައްސަލައިގައި ރައީސް ނަޝީދުގެ ލަފައެއް ސަރުކާރުން ހޯދާފައިނުވާތީ އެކަމަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ބޮންޑޭ ވިދާޅުވީ، އެއީ 500 މިލިއަން ޑޮލަރުގެ ޑީލްއެއްގެ ދަށުން ހިންގާ ޖަރީމާއެއް ކަމަށެވެ.
"މިއުޅެނީ 500 މިލިޔަން ޑޮލަރުގެ ޑީލެއް ހަދައިގެން މޮރިޝަސްގެ މަސްފެކްޓްރީތަކާއެކު"
އެޑީލްގެ ދަށުން އިންޑިއާގެ މަސްކަނޑު މޮނޮޕޮލީ ކުރަން އެފަރާތަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އޭނާގެ އެންމެ ބޮޑު ތުހުމަތުތަކެއް ރައްދު ކުރެއްވީ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށެވެ.
އޭނާ ވިދާޅުވީ "500 މިލިއަން ޑޮލަރު ނަގައި ކައިގެން އެތިބީ އަބުދުﷲ ޝާހިދު އަރާ އެންމެ ގަދައަށް އެވާހަކަ އެ ގޮވަނީ. ފޮރިން މިނިސްޓަރަކަށް ހުރެގެން މިކަންތައްތައް ސާފުކޮށްދޭން ރައްޔިތުން އެދުނީމާ ނުވަވަނަ ހަސަން ރަސްގެފާނު ކާފަރޭ، ޔާމީން ކާފަރޭ މިވާހަކަތަކެއް ނޫން ދައްކަންވީ، އެ 500 މިލިއަން ޑޮލަރު އަނބުރާ ދީފަ (ރައީސް އިބޫ ސޯލިހު މޮރިޝަސްއަށް ފޮނުއްވި ކަމަށް ބުނާ) ސިއްރު ސީޓީ އަނބުރާ ގެންނަންވީ،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު