އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުނި އަޅާނެ ކޮތަޅު ވިއްކަން ފަށާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ކަނޑައަޅާފައިވާ އިރު، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" އިން ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
ވެމްކޯއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅައި ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނާ ވިއްކަން ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ފޯރުކޮށްދޭން ނިންމާފައިވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށްވެސް ވެމްކޯއިން ބުންޏެވެ. އެއީ 11*17، 18*27، 36*48 އިންޗީގެ ކޮތަޅެވެ.
"ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ދަންނަވަމެވެ." ވެމްކޯގެ ބަޔާނުގައިވެއެވެ.
ވެމްކޯއިން އިތުރަށް ބުނީ އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސް ތަކުން ބިންލައިނާ ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.