ގޫގުލްގެ މަޝަހޫރު ކްރޯމްކާސްޓް ސްޓްރީމިން ޑިވައިސް އާއި ސޮނީ، ސީއެލް، ހައިސެންސް އަދި ފިލިޕްސް އިން އުފައްދާފައިވާ ފަހުގެ ޓީވީތަކަށް ގޫގުލް ޓީވީ ސޮފްޓްވެއާގެ އެހީގައި 800 އަށްވުރެ ގިނަ ޗެނަލް ބެލޭގޮތް ހަދައިފިއެވެ. އެގޮތުން ގޫގުލް ޓީވީއަށް ޓޫބީ، ޕްލެކްސް އަދި ހޭސްޓޭކް ނިއުސް ފަދަ ޕާޓްނަރުންގެ ފަރާތުން 800 އަށްވުރެ ގިނަ ސްޓްރީމިން ޗެނަލް ލިބެމުން ދެއެވެ. ގޫގުލް ޓީވީ ހިދުމަތްތަކަށް މިހާ ގިނަ ޗެނަލް ގޫގުލް އިން އިތުރު ކޮށްލުމަކީ ރޯކޫ، އެޕަލް އަދި އެމެޒޯން ފަދަ ވާދަވެރިންނަށް ކުއްލި ސިހުމެއް ލިބޭނެ ކަމެކެވެ.
ގޫގުލް ކުންފުނިން ބުނާގޮތުގައި މި ހިދުމަތް މިހާރު އެމެރިކާގައި ބޭނުން ކުރާ ގޫގުލްގެ އިންޓަނެޓާ ގުޅޭ ގޮތަށް ހުރި ހުރިހާ ޓީވީ ތަކުން ލިބެން ހުންނާނެ އެވެ. ފޮކްސްގެ ޓޫބީ، ޕެރަމައުންޓް ގްލޯބަލްގެ ޕްލޫޓޯ ޓީވީ އަދި ހޭސްޓޭކް ނިއުސް ފަދަ މިހާރު ހުރި ހިލޭ ލިބޭ ގިނަ ޓީވީ ހިދުމަތްތައް ގޫގުލް އިން އެމީހުންގެ ޓީވީގެ ހިދުމަތުގެ ތެރެއަށް އިތުރުކޮށް ސްޓްރީމިން ހިދުމަތްތަކަށް ފައިސާ ދައްކައިގެން ގިނަ އަދަދެއްގެ އޮންލައިން ޗެނަލްތައް ވެސް މިހާރު ބަލައިލެވޭނެވެ.
މުސްކުޅި ކޭބަލް ޓީވީގެ ޒަމާން ބަދަލުވަމުން އަންނައިރު މިހާރު އެންމެ ކުރިއަރަމުން އަންނަނީ އައިޕީ ޓީވީގެ ހިދުމަތެވެ. ނުވަތަ އިންޓަނެޓްގެ ތެރެއިން ދޫކުރާ ޓީވީ ޗެނަލް ތަކުގެ ހިދުމަތެވެ. އެހެން ކަމުން މިހާރު ގިނަ އޮންލައިން ނޫސްތަކާއި އެކިއެކި ބުލޮގްތަކުން ވެސް ހިންގާ އެމީހުންގެ ސޯޝަލް މީޑިއާ އަދި ޔޫޓިއުބް ޗެނަލްތައް އެކި އެކި ނަން ނަމުގައި އާންމު ޓީވީ ޗެނަލް ތަކެކޭ އެއްގޮތަށް ވަނީ ދޫކުރަން ފަށާފައެވެ. އަދި އެ ޗެނަލް ތައް ބޭނުންކޮށްގެން ސްޓްރީމިންގެ ހިދުމަތް އަންނަނީ ފުޅާ ކުރަމުންނެވެ. އެހެން ކަމުން މިއީ ވިޔަފާރީގެ މުޅިން އާ ބާބެއްގެ ފެށުމަށް ވާނެއެވެ.
ވަކި ވަކި ފަރުދުންނަށް މިހާރު ޓީވީ ޗެނަލެއްގެ ސިފައިގައި އެކިއެކި ޕުރޮގްރާމްތައް ގެނެސްދިނުމަކީ ނުހަނު ފަސޭހަ ކަމެކެވެ. އަދި އެ ހިދުމަތްތަކަށް ރަނގަޅު ނަފާއެއް ލިބޭނެ މަގު މި އަންނަނީ ފަހިވަމުންނެވެ. ގޫގުލް ޓީވީ އަދި އެޕަލް ޓީވީގެ އިތުރުން އެކި އެކި ނަންނަމުގައި ހިންގާ ސްޓްރީމިން ހިދުމަތަކީވެސް އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮންލައިން ޓީވީ ޗެނަލްތައްވެސް ދޫކުރާ ހިދުމަތެކެވެ.
ގޫގުލްގެ ޓީވީއަކީ އޭގެ ގިނަ ޗެނަލްތައް ހިލޭ ބެލޭ ގޮތަށް ހުރި ޓީވީ އެކެވެ. އެ ގޮތުން ގިނަ މީީހުން ގޫގުލްގެ ޕްލެޓްފޯމަށް ޝައުގުވެރި ކުރުވުމަށް އެހީތެރިވެދެއެވެ. އަލްފާބެޓް ޔުނިޓުން ބުނީ ހިލޭ ޗެނަލްތައް "ލައިވް" ޓެބަށް އިންޓަގްރޭޓް ކުރަމުން އަންނަ ކަމަށާއި އެ ޓެބްގައި އެންބީސީ، އޭބީސީ، ސީބީއެސް އަދި ފޮކްސް ފަދަ ޗެނަލްތަކުގެ ކޮންޓެންޓް ޔޫޒަރުންނަށް ފެންނާނެ ކަމަށެވެ. ޝަރުތު ހަމަވާ އެންޑްރޮއިޑްގެ ގިނަ ޓީވީ ތަކަށް މި އަހަރުގެ ފަހުކޮޅު އާ ޓީވީ ގައިޑާއި ހިލޭ ޗެނަލްތައް އިތުރު ކުރެވޭނެ އެވެ.