އޭޕްރީލް މަހަކީ އަބަދުވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމުން، ބޭރު ތެރޭގައި އުޅޭއިރު ހޫނުން ރައްކާތެރިވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ މި މަހު އެހާ ހޫނު ގަދަވަނީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވާތީ ކަމަށާއި މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.

މެޓުން ބުނީ މި މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ފިނިހޫނުމިން 31.6-32.6 ޑިގްރީއަށް އަރާނެ ކަމަށެވެ. އަދި ހޫނުމިން އިހުސާސްކުރެވޭ މިންވަރު ބައެއް ހިސާބުތަކުގައި 42.3 ޑިގްރީއަށް އަރާނެ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން ހަށިގަނޑުން ފެން މަދުވެ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް މި ދުވަސްވަރު ގިނައިން ފެންބުއިމަށާއި ހޫނުން ރައްކާތެރިވުމަށްޓަކައި، ކުޑަ ބޭނުންކުރުމާއި ކުލަމަޑު ހަށިގަނޑު ނިވާވާފަދަ ހެދުން ލުމާއި ބޭރަށް ނުކުންނައިރު ސަން ލޯޝަން އަދި ބޮޑަށް ހިޔާވާ ކަހަލަ ތޮފި ބޭނުންކުރުން ފަދަ ކަންކަން ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.