ހުޅުމާލޭގައި ހަދަމުންދާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓުތަކުގެ ޔުނިޓުތައް އެއްްވެސް މުވައްޒަފަކަށް ބަހާފައި ނުވާނެ ކަމަށާއި ފްލެޓުތައް ބަހާފައިވާ ލިސްޓު ކަމަށް ބުނެ ދައުރުވަމުންދަނީ ބަޔަކު އަމިއްލައަށް ހަދައިގެން އުޅޭ ސައްހަ ނޫން ލިސްޓެއް ކަމަށް އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ހަދަމުން އަންނަ މިކްސްޑް ރެސިޑެންޝަލް ފްލެޓުތަކުގެ 34 ޔުނިޓެއް އާބަންކޯގެ އިސްވެރިންނަށް ބަހާފައިވާ ކަމަށް ބުނެ 'ހަސަންކުރުސީ'ގެ ނަމުގައި ޓުވިޓާގައި ހިންގަމުން އަންނަ އެކައުންޓުން ވަނީ އާބަންކޯގެ މެމޯއަކާއި ފްލެޓުތަކުގެ އަގުތަކާއި ފްލެޓުތައް ގަތް މީހުން ކަމަށް ބުނެ އެ ކޯޕަރޭޝަންގެ އިސްވެރިންގެ ލިސްޓެއް އާއްމުކޮށްފައެވެ.

އެކަމާ ގުޅިގެން އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ސައްހަ ނޫން ލިސްޓެއް ކަމަށެވެ. އަދި ބައެއް ނޫސްތަކުން އެ ހަބަރު ޝާއިރުކުރުމުގެ ކުރިން އެއީ ސައްހަ މައުލޫމާތެއްތޯ ކަށަވަރުކުރަން އާބަންކޯގައި އެެއްވެސް ގޮތަކަށް އެދިފައިނުވާ ކަމަށާއި އެކަމާ ގުޅިގެން އެ ކޯޕަރޭޝަންގެ އެއްވެސް ބަހެއް ހިމަނާފައި ނުވުމަކީ އެފަދަ ނޫސްތަކުގެ ނޫސްވެރިކަމުގެ މިންގަނޑުތަކާއި މަގުސަދާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އާބަންކޯ އިން ބުނީ މިފަދަ ސައްހަ ނޫން ހަބަރުތަކާއި މައުލޫމާތު ދައުރުކުރަމުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލައި އެ ކޯޕަރޭޝަންގެ އަގުވައްޓާލަން ކަމަށެވެ.

މިކްސްޑް ރެސިޑެންޝަލް ޔުނިިޓުތައް ވިއްކުމާ ގުޅޭ ގޮތުން އާބަންކޯއިން ބުނީ އެ ޔުނިޓުތައް ވިއްކުމަށް އެ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންނަށް މި މަހުގެ 20 ގައި ހުޅުވާލައިފައިވާނެ ކަމަށެވެ. އެ ޔުނިޓުތަކަކީ ހުޅުމާލޭގައި އަމިިއްލަ ފަރާތްތަކުން ހަދާ ހަތަރު މަޝްރޫއަކުން އެ މަޝްރޫއުތައް ހިންގުމަށް ދީފައިވާ ބިމުގެ ބަދަލުގައި އެއްބަސްވުމާއި އެއްގޮތަށް އެ ކޯޕަރޭޝަނަށް ލިބިފައިވާ ޔުނިޓުތައް ކަމަށާއި އެ ޔުނިޓުތައް ވިއްކުމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ސްޓާފް ހައުސިން ސްކީމުގެ ދަށުންވެސް ހުޅުވާލި ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ 34 ޔުނިޓުތައް ނުވިކި ހުރުމާއި އަދި ސްޓާފް ހައުސިން ސްކީމުން ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުންތަކެއް ތިބުމާއެކު އެ މުވައްޒަފުންނަށް އާ ފުރުސަތެއް ދިނުމަށާއި އެ ކޯޕަރޭޝަނުން ހިންގަން ރާވަފައިވާ މަޝްރޫއު ތަކަށާއި ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރަން ބޭނުންވާތީ އެ ޔުނިޓުތައް އަލުން ވިއްކުމަށް މިހާރު އިއުލާން ކޮށްފައިވާ ކަމަށްވެ ބުންޏެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ އެ 34 ޔުނިޓު ގަތުމަށް 800 އަށްވުރެ ގިނަ މުވައްޒަފުން ޝަރުތުހަމަވާ ކަމަށާއި އެ ޔުނިޓުތައް ވަކި އުސޫލެއްގެ ތެރެއިން ވިއްކުމަށް ކަނޑައަޅައި ޕޯޓަލްއެއް މެދުވެރިކޮށް މި މަސަތްތަކަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.