އއ. މަތިވެރީގެ އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް (އަމްސާ)ގެ ފަރާތުން ކޮންމެ އަހަރެއްގެވެސް ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ މި އަހަރުގެ މުބާރާތް، އެސްޓީއޯ އަމްސާ ކަޕް 2023 އިއްޔެ ހަވީރު ފަށައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމުލަ 10 ޓީމަކުން ބައިވެރިވެފައިވާ އިރު، އިއްޔެ ވަނީ ޖުމުލަ 10 މެޗެއް ކުޅެފައެވެ. ގްރޫޕް އޭގެ އިތުރުން ގްރޫޕް ބީގެ ފަސް މެޗެއް އިއްޔެ ކުޅެފައިވާ އިރު، ފުރަތަމަ ދުވަހުގެ ނަތީޖާތަކާ އެކު މި ވަގުތު ތާވަލު ލީޑުކުރަމުން ދަނީ މާންސްއާއި ހަސްލާސް އެފްޓީއެވެ.
ގްރޫޕް އޭގެ އެއްވަނައިގައި ހަސްލާސް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކުގައެވެ. އެ ގްރޫޕުގެ ދެވަނައިގައި މާންސް ސިއޮންސް ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތްއިރު، މި ވަގުތު ގްރޫޕް އޭގެ ތިންވަނައިގައި އޮތީ ރޯޔަލް ނައިޓް އެސްސީއެވެ. އެ ޓީމަށް ކުޅުނު އެއް މެޗުން ލިބިފައި ވަނީ ޕޮއިންޓެކެވެ. އެ ގްރޫޕުގެ ހަތަރުވަނައިގައި އަދި ފަސް ވަނައިގައި އޮތް ރޯޔަލް ނައިޓްސް ލެޖެންޑްސްއާއި މާންސް އެކަޑެމީން ކޮންމެ ޓީމަކުން އިއްޔެ ދެ މެޗު ކުޅުނު ނަމަވެސް، އަދި އޮތީ މޮޅެއް ނުހޯދިއެވެ.
ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު، މުބާރާތް ފެށުމަށް ކުޅުނު ފުރަތަމަ މެޗުގައި މާންސް ސިއޮންސް ވަނީ މާންސް އެކަޑެމީ ކައިރިން 6-1 އިން މޮޅުވެފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ މާންސް ސިއޮންސްގެ އަބްދުﷲ ފިޒާނެވެ. އެ ގްރޫޕުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ރޯޔަލް ނައިޓް އެސްސީއާއި ހަސްލާސް އެފްޓީ 0-0 އިން އެއްވަރުވި އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ހަސްލާސްގެ މުހައްމަދު ލިޝާނެވެ.
ހަސްލާސް އިން ދެން ކުޅުނު މެޗުގައި މާންސް އެކަޑެމީ ކައިރިން 8-1 އިން ވަނީ މޮޅުވެފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ޝަނާން ރަޝާދެވެ. ހަސްލާސް އިން އެ ގްރޫޕުގައި ރޭ އިތުރު މެޗެއްވެސް ކުޅެފައިވާ އިރު، އެ މެޗުގައި ރޯޔަލް ނައިޓްސް ލެޖެންޑްސް ބަލިކުރީ 4-0ގެ ނަތީޖާ އަކުންނެވެ.
ގްރޫޕް އޭގައި ދެން މާންސް ސިއޮންސް ކުޅުނު ދެވަނަ މެޗުގައި 4-0 އިން ރޯޔަލް ނައިޓްސް ލެޖެންޑްސް ބަލިކުރިއެވެ.
މުބާރާތުގެ ފުރަތަމަ ދުވަހަށްފަހު ގްރޫޕް ބީގެ ތާވަލަށް ބަލާއިރު، އެއްވަނައިގައި ލީޑު ކުރަމުން ދަނީ ކުޅުން ތިން މެޗުން ހަތް ޕޮއިންޓް ހޯދި މާންސްއެވެ. އެ ގްރޫޕުގެ ދެވަނައިގައި ރޯޔަލް ނައިޓްސް އެފްޓީ އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. ގްރޫޕުގެ ތިންވަނައިގައި މި ވަގުތު އޮތީ ޔަންގް ޕްލޭޔާސް އެސްސީއެވެ. އެއީ ދެ މެޗުން ތިން ޕޮއިންޓާ އެކުގައެވެ. ރޯޔަލް ނައިޓްސް ސީނިއާއާއި އާރްބީޖީ ޖޫނިއާސްއަށް އަދި ޕޮއިންޓެއް ލިބިފައި ނުވާއިރު، އިއްޔެ ރޯޔަލް ނައިޓްސް ސީނިއާ ވަނީ ދެ މެޗު ކުޅެފައެވެ. އާރްބީޖީ ޖޫނިއާސް އިއްޔެ ކުޅުނީ އެންމެ މެޗެކެވެ.
ގްރޫޕް ބީގެ މެޗުތަކުގެ ނަތީޖާ ތަކަށް ބަލާއިރު، މާންސް އިން ކުޅުނު ފުރަތަމަ މެޗުގައި އާރްބީޖީ ޖޫނިއާސް ބަލިކުރީ 4-1ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ މާންސްއަށް ކުޅެމުންދާ ކ. ގާފަރުގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ މާއިސް (މައްޓު) އެވެ. މާންސް އިން އިތުރު ދެ މެޗު އިއްޔެ ކުޅުނު އިރު، އެ ޓީމާއި ރޯޔަލް ނައިޓްސް އެފްޓީ ކުޅުނު މެޗު 0-0 އިން ވީ އެއްވަރެވެ. އަދި ރޯޔަލް ނައިޓްސް ސީނިއާ ކައިރިން މާންސް މޮޅުވީ 2-1ގެ ނަތީޖާ އަކުންނެވެ.
ގްރޫޕް ބީގެ އިތުރު މެޗުތަކަށް ބަލާއިރު، ރޯޔަލް ނައިޓްސް އެފްޓީން 1-0 އިން ޔަންގް ޕްލޭޔާސް އެސްސީ ބަލިކުރިއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ރޯޔަލް ނައިޓްސް އެފްޓީއަށް ކުޅެމުންދާ ކްލަބު ވެލެންސިއާގެ އިބްރާހީމް ވަހީދު (އިއްބެ)އެވެ. ޔަންގް ޕްލޭޔާސް އިން އެ ޓީމުން ކުޅުނު ދެވަނަ މެޗުގައި 3-1 އިން ރޯޔަލް ނައިޓްސް ސީނިއާ ބަލިކޮށް، އެ ޓީމުން ފުރަތަމަ ދުވަސް ނިންމާލީވެސް މޮޅަކާ އެކުގައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.
އަމްސާ ކަޕް ފުޓްސަލް މުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރެއްގެ ފިތުރު އީދު ބަންދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. އަމްސާ ކަޕް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ސޯޝަލް މީޑިއާ ޕާޓްނަރަކީ ބިލް ގްރަފީއެވެ.
ަައއ މަތިވެރި
ަައއ މަތިވެރި
ަައއ މަތިވެރި
ަައއ މަތިވެރި