އީދެވެ. އެކަމަކުވެސް އެހާ އީދެއް ނޫނެވެ. ހާއްސަކޮށް ފުރަ މާލެއަށް އީދެއް ނޫނެވެ. އަތޮޅު ތެރެއަށް ކޮންމެވެސް ވަރަކަށް އީދު ނަމަވެސް، އަސްލު ހަގީގީ އީދުގެ އިހުސާސެއް ކުރެވޭ ރަށެއް މަދެވެ. އުފާކުރުމަށް ހާއްސަ އީދުގެ މުނާސަބަތުގެ "ޗަސްބު" ވަރަށް ބޮޑުތަނުން ގެއްލިއްޖެއެވެ. ހަގީގަތުގައި ދިވެހީންގެ ޒަމާންވީ އީދުވަންތަ އިހުސާސް ކެނޑިހިނގައްޖެއެވެ. ހުރިހާ ރަށެއްގައި ނޫނަސް، ގިނަ ރަށްރަށުގައި މިހާރު އީދުގެ "ހަގީގީ ކުޅިވަރުތައް" ފަނޑުވެއްޖެއެވެ. ނެތި ހިނގައްޖެއެވެ.
ޒަމާންވީ ޗާލު އީދު ކުޅިވަރުތައް، ޒަމާނާއެކު ބަދަލުވެ، މިހާރު "މިކުޅެނީ އީދެއް" ނޫނޭވެސް ބުނެވިދާނެއެވެ. އީދުގެ އިހުސާސް، އީދުގެ އަސްލު ހަގީގީ އުފާވެރި މާހައުލު ގެއްލިދާ އެއް ސަބަބަކީ ޒަމާނުއްސުރެ އީދުގައި ކުޅެމުން އަންނަ ކުޅިވަރުތަކަށް ފަސްލެވި ފޮރުވުން ކަމަށް ވެދާނެއެވެ.
ވަށާނާއާއި ތެއްލަ، ދިގު ދަނޑިއާއި މަންޑި، އުޑިއެނބުރުން، އިދިފުށަށް އުކުމާއި ތިން މުގޯލި ފަދަ އެތައް ކުޅިވަރެއް މިހާރު ކުޑަކުޑަކޮށް ނޫނީ ނުފެނެއެވެ. ނޫންނަމަ އެކީ އެކައްޗަކަށް ގެއްލިއްޖެއެވެ. އެއީ ކުރިން އީދަށް ހާއްސަ ކުޅިވަރުތަކެވެ. މުޅި ރަށް، ކުދިބޮޑު އެންމެން ޝާމިލުވެ، އުފާވެރި މަޖާ މާހައުލެއްގައި ބަންޖާ ރައިވަރުގެ ފޯރީގައި ކުޅެއުޅުނު އީދު ކުޅިވަރުތަކެވެ. އެ ކުޅިވަރުތަކުގެ ހަނދާންތައް ނެތިގެންދާ ހިސާބަށް ދިޔުން އެއީ މިއަދުގެ އީދު މަޖާ ފަނޑުވުމަށް ދިމާވި އެއް ސަބަބު ކަމަށް ވެދާނެއެވެ.
"އަހަރެމެން ކުޑައިރު ކުރާނެ ކަމަކީ އީދު ސައި ނިމުމާއެކު އެންމެން ނުކުންނާނީ މަންޑި ކުޅެން. އެހެންގޮސް، މެންދުރާ ހަމައަށް ތިން މުގޯލިވެސް ހުއްޓާނުލައި ކުޅޭނެ. އަދި ހާއްސަކޮށް ކުޑަކުދީން އެއްވެ ހަވީރުވެސް ބޮޅުވަށްކުރުން، ނޫނީ ވަށާނާ ކަހަލަ ކުޅިވަރުތައް ކުޅޭނެ. ދެން އެންމެ ހަރުކޮށް ގަދަކޮށް ކުޅެމުން އައި ކުޅިވަރެއް އެއީ ހަމަ ފަން ކުޅުމަކީވެސް. އީދު ބޮލަށް ގޮން ޖަހަން ޅަ ފުރާގެ އަންހެން ފިރިހެން ހުރިހާ ކުދިން ދުވާނެ،" އުމުރުން 63 އަހަރުގެ ފިރިހެނަކު، ޅައިރުގެ އީދު ހަނދާންތައް ކިޔައިދެމުން ބުންޏެވެ.
ގިނަ ބައެއްގެ ޝާމިލުވުމާއެކު އޭރު ކުޅެވެމުންދިޔަ އީދު ކުޅިވަރުތަކަކަށް ޒަމާނީ ވަސީލަތްތަކެއް ބޭނުމެއް ނުވެއެވެ. ހަރަދެއްވެސް ނުހިނގައެވެ. ކުޅެން ނުކުންނަނީ ފޯނާއެކުގައެއްވެސް ނޫނެވެ. މާ ބޮޑަށް ޒަމާނީ ޓެކްނޮލޮޖީގެ އަވައިގައި ޖެހި، ޓީވީން އީދު ކުޅެ ނިންމާލާކަށްވެސް ނުޖެހެއެވެ. އެއީ އުފާވެރިކަމާއި، ގުޅުންތެރިންކަމުގެ ހާއްސަ ވަގުތުތަކެކެވެ. އީދުގައި ބަދަހިކުރަން ޖެހޭ "ސަލާމުގެ ގުޅުން" ފުރިހަމައަށް ހާސިލުވި ކުޅިވަރުތަކެވެ.
އީދުގެ އެ ކުޅިވަރުތައް ބަވަނަވަމުން އައި ދުނިޔޭގެ އެކިއެކި ހަމަތަކާއެކު ބަދަލުވެއްޖެއެވެ. ރަށްރަށުގެ ބޮޑުން، ނޫނީ އިސް ރަށްވެހިން ހިތްހަމަ ނުޖެހި ތިބި ނަމަވެސް، މިއަދު އާންމުކޮށް ފެންނަނީ ރަށްރަށުގެ ފުޓްސަލް މުބާރާތްތަކާއި، ވޮލީ މުބާރާތްތަކުގެ އިތުރުން ހޭންޑް ބޯޅައާއި ބަށި ކަހަލަ ކުޅިވަރު އެކަންޏެވެ. މާލޭގައިވެސް ބައިބަލާ ފިޔަވައި އީދަށް ދެން ފެންނަނީ ހަމަ ތުރީ އޮން ތުރީ ފުޓްސަލްގެ މުބާރާތްތަކެވެ. އެ ކުޅިވަރުގެތަކުގެ އިންތިޒާމަށް ބުނާ ދެރަބަހެއް ނޫން ނަމަވެސް، ގިނަ ބައެއްގެ ނަޒަރުގައި އެއީ އަސްލު ހަގީގީ އީދުކުޅިވަރަކަށް ނުވެއެވެ.
"މިހާރު އަހަރެމެން ރަށުގައިވެސް ކުޅެނީ ފުޓްސަލްއާއި ފުޓުބޯޅަ. އެހެން ނަމަވެސް ދެން މާލި އެރުން ކަހަލަ ކަންކަން ކުރޭ. އެހެންވިޔަސް، ކުޅިވަރަކަށް ހަމަ އީދުގައި ކުރިން ކުޅެ އުޅޭ އެއްވެސް ކުޅިވަރެއް ނެތް. އެހެންވެ އީދުގެ އިހުސާސެއް ހަމަ ނުވެސް ވެޔޭ ބުނެވޭނީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިއަދު ރަށްރަށުންވެސް ފެންނަނީ ވާދަވެރި މުބާރާތްތަކުގެ މަންޒަރެވެ. ވާދެމުމާއި މަސް ރޭސް ފަދަ ކަންކަން މަދުން ފެންނަ ނަމަވެސް، އެކަންކަންވެސް މާ ފޯރީގައި ކުރިއަށްދާތަނެއް ނުފެނެއެވެ. ކުޅިވަރުގެ އިސް ބައެއް ބޭފުޅުންގެ ނަޒަރުގައިވެސް އީދުގައި ކުރިން ކުޅެ އުޅުނު ތިންމުގޯލި ފަދަ ކުޅިވަރުތައް އަދިވެސް ކުޅެންވީއެވެ. އެ ކުޅިވަރުތަކުން ދިވެހީންގެ ރޫހު ގެނުވައެވެ. އެހެން ނަމަވެސް އެ ސަފުހާތަކަށް ވިސްނުން ގެންދަން އިސްނަގާނެ ބަޔަކު އަދި ނެތެވެ. އެކަމަށް އީދުގެ އިންތިޒާމުތަކުން ފުރުސަތު ފަހިކޮށްދޭން ވިސްނާ ބަޔަކުވެސް މަދެވެ.
ހަގީގަތަކީ އީދުގެ އަސްލު ކުޅިވަރުތައް ގެއްލިއްޖެ ކަމެވެ. ރަށެއްގެ އިޖުތިމާއީ ފޭރާމަށްވެސް ނުހަނު އަގުހުރި ކުޅިވަރުތަކެއްގެ ގޮތުގައި ކުރީގެ އީދު ކުޅިވަރުތައް ވެފައި އޮންނަ އޮތުންވެސް މިހާރު ފަނޑުވެއްޖެއެވެ. އެކުވެރި، ފޯރިގަދަ ބައެއް ރަށްރަށް މަތިން ހަނދާން ނައްތާލަނީކީ ނޫނެވެ. ޒަމާނީ ކުޅިވަރުތަކާއެކުވެސް އީދުގެ މަޖާ ނުހަނު ބޮޑަށް ނަގާ، ގުޅުންތެރިން ރަށްރަށް އަދިވެސް ކޮންމެވެސް ވަރަކަށް އެބަހުއްޓެވެ. އެ ރަށްރަށުގެ އީދުތައް މަޖާކޮށް ކުރިއަށްދެއެވެ. އެހެން ނަމަވެސް، އެ ރަށްރަށުންވެސް ހަގީގީ އީދު ކުޅިވަރުތައް މިހާރު ނެތި ހިނގައްޖެއެވެ. އީދަށް ހާއްސަ ކުޅިވަރުތައް ބަވަނަވެ، ފުޓްސަލްއާއި ވޮލީ ކަހަލަ އާންމު ކުޅިވަރުތަކަށް އީދު ކުޅިވަރު ބަދަލުވެއްޖެއެވެ. މުޅިން ގޯސް ގޮތެއް ނޫން ނަމަވެސް، އީދުގެ ޝެޑިއުލުން އީދުގެ އިހުސާސު ގެނުވާ ކުޅިވަރުތަކަށްވެސް ޖާގަ ދިނުން ކިހިނެއްވާނެތޯ ސުވާލުކޮށްލެވެއެވެ. އެކަމަށް އެދެވެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް