މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިއަދު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީނުލް އިސްލާމް (29އ) އެވެ. އޭނާއަކީ ބަދްއަހުލާގީ އަމަލު ހިންގުމާ ގުޅިގެން ހަތް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، އަމީނުލް އިސްލާމް ހެނދުނު ސައި ވަގުތު ނުހޭލާ އޮތުމުން އޭނާއަށް ގޮވުމުން އެއްވެސް ހަރަކާތެއް ނުކުރާތީ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭނާ މަރުވި ކަމަށް 2:10 ގައި ޑޮކްޓަރު ކަނޑައެޅި ކަމަށެވެ.

މާފުށި ހެލްތު ސެންޓަރާ ހަވާލާދީ ކަރެކްޝަންސް އިން ބުނާ ގޮތުން، އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ. ނަމަވެސް އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫން ކަމަށް ބުންޏެވެ.

އަމީނުލް އިސްލާމް ހެލްތު ސެންޓަރަށް ގެންދިއުމުން އެކަމުގެ މައުލޫމާތު ކަރެކްޝަންސް އިން ވަނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގައިފައެވެ.