ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން ސުވަރުގެ ޔަގީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

''ރަމަޟާން މަހަށްފަހު ހެޔޮއަމަލު ކުރުންމަތީ ދެމިތިބޭށެވެ!'' މި މައުޟޫއަށް ދިން ހުތުބާގައި ބުނީ، ރަމަޟާންމަސް އަހަރެމެންނާ އަލްވަދާއު ކިޔަސް، އެ މަހުގެ ވެރި ﷲ ދިރި ދެމިވޮޑިގެންވާ ކަމަށާއި ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮއަމަލު ކުރުމަށް އަލްވަދާއު ނުކިޔާނެ ކަމަށެވެ.

އެހެންކަމުން އަހަރެމެންނަށް އޮތީ ޔަގީންވެގެންވާ މަރު ބައްދަލުކުރަންދެން ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުން ކަމަށާއި އަޅުކަން ކުރުމަކީ އަހަރެމެން ހަލްގުކުރައްވައި އަހަރެމެންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ އެހެނިހެން މަސްތަކުގައިވެސް ވެރި ﷲ ކަމަށާއި މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި ﷲ އަށް އަޅުކަން ކުރަންޖެހޭ ބައެއް ނޫން ކަމަށެވެ. މުއުމިނުންގެ މުޅި ހަޔާތުގައިވެސް އަޅުކަން ކުރަންޖެހޭނެ ކަމަށާއި ނަމަވެސް ރަމަޟާން މަސްފަދަ މޫސުމުގައި އަޅުކަން ކުރުން ގިނަކުރަންޖެހޭ ކަމަށެވެ.

ރަމަޟާން މަހު އަޅުކަންކުރުމުގައި ފަރުވާ ކުޑަކުރެވިފައިވާނަމަ ގިނަގިނައިން ތައުބާވެ، މާތް ﷲ އަށް އިސްތިއުފާރު ކުރުމަށް ގޮވާލައި ހުތުބާގައި ބުނީ، އިސްތިއުފާރު ކުރުމަކީ ﷲގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުން ކަމަށާއި އެކަލާގެއީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވާ ފާފަ ފުއްސަވާ ރަސްކަލާނގެ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަމަށާއި އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކާ އަމިއްލަ ނަފުސަށް ބޮޑާވެ، ފަހުރުވެރިވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ އެ އަމަލުތައް ބާތިލުވެގެން ހިނގައިދާނެ ކަމަށެވެ.

އަދި ހެޔޮކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން އޭގެފަހުގައި އެ އަމަލުތައް ކުރުންމަތީގައި ދެމިތިބެންޖެހޭ ކަމަށް ބުންޏެވެ.