ޕްރެސިޑެންޓްސް ކަޕްގެ ގްރޫޕް ބީގެ ފަހު މެޗުގައި ރޭ ބުރު ސްޕޯޓްސް ކްލަބުން ވަނީ "ހައިރާންކުރުވަނިވި" ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ. ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބުރުން މާޒިޔާ ބަލިކުރީ 2-1ގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާ އާއެކު ދެ ޓީމަށްވެސް ވަނީ މި ފަހަރުގެ ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުން ޖާގަ ލިބިފައެވެ.
ރޭގެ ނަތީޖާއަކީ ބުރުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ކުޅެމުންދާ ފުރަތަމަ ސީޒަނުގައި ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމުން ފުރަތަމަ ޑިވިޝަންގެ ދަތުރު ފެށީ ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެންނެވެ. އެ މެޗުން ބުރު ބަލިވެފައި އޮތުމާ އެކު ވަރުގަދަ މާޒިޔާއާ ދެކޮޅަށް ރޭ ނުކުތީ މޮޅުވުން މަޖުބޫރު މެޗަކަށެވެ. މެޗުގެ ކުރިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މާޒިޔާ ބަލިކުރެވިދާނެ ކަމަށާއި އެކަމަށް ވިސްނުމެއް ގެންގުޅޭ ކަމަށެވެ.
ނިޒާމްބެ އެކަން ހާސިލުކޮށް، ރޭގެ މެޗަށްފަހު ބުނީ ލިބުނު މުހިންމު ތިން ޕޮއިންޓަކީ ބުރަށް ފުރަތަމަ ޑިވިޝަންގައި ފައިހިއްޕާލަން ލިބުނު ތިން ޕޮއިންޓް ކަމަށެވެ.
"މިއީ ވަރަށް މުހިންމު ތިން ޕޮއިންޓް. މި ސްޓޭޖުގައި (ފުރަތަމަ ޑިވިޝަންގައި) ބުރު ފައިހިއްޕާލަން ލިބުނު ފުރުސަތުގައި ހަމަ ވަރުގަދައަށް، މޮޅު ޓީމަކާ ދެކޮޅަށް ތިން ޕޮއިންޓް ނެގުމަކީ ވަރަށް މުހިންމު ކަމެއް. މިއީ ކޮންމެ ކޮންމެ ދުވަހެއްގެ ކަމެއް ނޫން. މިއީ ކުޅުންތެރިން އަމިއްލަ ނަފުސަށް އިތުބާރު ކޮށްގެން ކުރި މަސައްކަތް. ކުޅުންތެރިންނަށް ވިސްނަދިން އެއްޗަކަށް މަސައްކަތް ކުރަން 100 ޕަސެންޓް ލައިފި ހުރިހާ ކުޅުންތެރިންވެސް. ވަރުގަދަ ސްކޮޑަކާ ދެކޮޅަށް ކުޅޭއިރު، ސިކުނޑީގެ ބޭނުން ރަނގަޅަށް ކޮށްގެން ކުޅެވޭނީ. ކުޅުންތެރިން ދަނޑުމަތީގައި ރަނގަޅު ޑިސިޝަން ނަގައިގެން މޮޅުވީ،" ނިޒާމްބެ ބުންޏެވެ.
މިދިޔަ ސީޒަނުގައި މާޒިޔާގެ ކޯޗުކަމުގައި ފެށި ނިޒާމްބެ، ވަކި ހިސާބަކުން އެ ކްލަބުން ވަކިކޮށްފައިވާ އިރު، ރޭގެ މޮޅާ އެކު ނިޒާމްބެ ބުނީ، ނަތީޖާއަކީ "މާޒިޔާއަށް ބަދަލުހިފުމެއް ނޫން،" ކަމަށާއި މާޒިޔާގައި މިދިޔަ ސީޒަންގެ ކުރީކޮޅުގައި ހޭދަކުރި ދުވަސްތަކަކީ "ބޭޑް އެކްސްޕީރިއަންސް،" އެއް ކަމަށް ނުބަލާ ކަމަށެވެ. އަދި މިހާރު މިހުރި ވިސްނުމުގައި ހުރެވެނީ މާޒިޔާގައި އެ ފަހަރު ކުރިމަތިވި ކަންތަކުން ކަމަށް ވެދާނެ ކަމަށްވެސް ބުންޏެވެ.
ނިޒާމްބެ ބުނީ ކުރިއަށް އޮތް ސެމީ ފައިނަލް މެޗަށްވެސް ނުކުންނާނީ މޮޅަކަށް ވިސްނައިގެން ކަމަށެވެ. ނަމަވެސް ޓީމަށް "ފެޓީގު"ގެ މައްސަލަ ކުރިމަތިވުމަކީ އޮތް ޗެލެންޖެއް ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ.
"މި ލެވެލްގައި މި ފަންތީގެ ފުޓުބޯޅައިގެ ފިޓްނަސްގައި ތިބި ކުޅުންތެރިން މަދު. އެހެންވެ މިރޭގެ މެޗުގައިވެސް އެ ފެނުނީ އެ މަންޒަރު ކަންނޭނގެ، ކުޅުންތެރިން ލޮޑުވެގެން ދަނޑުމައްޗަށް ވެއްޓި ތިބެން ޖެހުނު. ވަރަށް ބޮޑަށް އެކަމަށް ސަމާލުވެ ތައްޔާރުވާން އެބަޖެހޭ. އެ ތައްޔާރީތައް ލީގަށް ނުކުންނަ އިރު، ވެވިފައި ހުންނާނެ ކަމަށް ބެލެވެނީ،" ކުރިން ޓީސީ އާއެކު ލީގު ނެގި ކާމިޔާބު ކޯޗު، ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ މޮޅަކީ ކެރިއަރުގައިވެސް އެންމެ މުހިންމު އެއް މޮޅު ކަމަށާއި މީގެ ކުރިން ބޮޑެތި ޓީމުތައް ބަލިކުރި ގޮތާ، ރޭ މާޒިޔާ ބަލިކުރި ގޮތާ ތަފާތުތަކެއް ހުރި ކަމަށެވެ.
"މިއީ ވަރަށް މުހިންމު މޮޅެއް. މީގެ ކުރިން ބޮޑެތި ޓީމުތައް ބަލިކޮށްފައި ހުންނާނީ ރަނގަޅު ޕްރީ ސީޒަނެއް ކޮށްގެން، ނޫނިއްޔާ ޓީމެއް ދެވަނަ ޑިވިޝަނުން ފަށައިގެން ނަގައިގެން އައިސް. ނަމަވެސް، މިއީ އަލަށް ޓީމެއް އެކުލަވާލައި، ކުޅުންތެރިންތަކެއް އެއްކޮށްލައިގެން ކުޑަ ދުވަސްކޮޅަކުން ގެނެވުނު ނަތީޖާއެއް. އަމިއްލަ ނަފުސަށްވުރެ ބޮޑަށް، ކްލަބަށް ލިބުނު ހިތްހަމަޖެހުމެއް، އަދި ކުޅުންތެރިންނަށް ލިބުނު އިތުބާރެއް،" ނިޒާމްބެ ބުންޏެވެ.
ރަނގަޅު ޕްރި ސީޒަނެއް ނެތި ބުރުން މި ފަހަރުގެ ޕްރެސިޑެންޓްސް ކަޕްގައި ވާކުރަން ނިންމީވެސް ފަހު ވަގުތުއެވެ. ބުރު ސެމީ ޔަގީން ކޮށްފައިވާ އިރު، އެ ޓީމު ވާދަކުރަންޖެހޭ ޓީމު ޔަގީންވާނީ ގްރޫޕް އޭގެ ކުޅުން ނިމުމުންނެވެ. އެ ގްރޫޕް ފަހު މެޗު އޮންނާނީ 24 ވަނަ ދުވަހުގެ ރޭގައެވެ.
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް
ބުރު ސްޕޯޓްސް ކްލަބް