މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ގެނެސްދޭ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ބައިސްކޯފް ހުއްޓާލުމަށް އެންގުނީ އޮޅުމަކުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
ބްރޯޑްކޮމްއިން އީކޮމް އެކްސްޗޭންޖް އެމްވީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިރުޝާއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ބައިސްކޯފަކީ ރީބްރޯޑްކާސްޓުގެ ހިދުމަތް ދެމުންދާ ބައެއް ކަމަށާއި، ރާއްޖޭގައި އެ ހިދުމަތް ދެވޭނީ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން ވުމާއެކު ބައިސްކޯފް ވަގުތުން ހުއްޓާލުމަށް ބްރޯޑްކޮމްއިން ވަނީ އަންގައިފައެވެ.
އެކަމާ ގުޅިގެން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ "ވަން" އަށް މިއަދު ވިދާޅުވީ ބައިސްކޯފް ހުއްޓާލުމަށް އެންގުނީ އޮޅުމަކުން ކަމަށެވެ.
"އަޅުގަނޑުމެން ވަނީ ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދިނުން ހުއްޓާލުމަށް ނިންމައި އެކަން އެންގުމަށް ނިންމާފައި. ނަމަވެސް ސިޓީގައި އެހެން ނުޖެހުމުގެ ސަބަބުން އެގޮތަށް މެދުވެރިވީ. ރީބްރޯޑްކާސްޓް ކުރުން ހުއްޓާލުމަށް އަންގަން، ބައިސްކޯފް ހުއްޓާލުމަށް އަންގާކަށް ނޫން،" މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރީބްރޯޑްކުރުމުގެ ހިދުމަތް ދެވޭނެ ގޮތްތައް ގާނޫނާއިި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ގާނޫނާއި ގަވާއިދުތަކަށް ހިލާފުވާނަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ.
ބައިސްކޯފަށް ފޮނުވި ސިޓީއާ ގުޅިގެން ބައިސްކޯފުން ބައްދަލުވުމެއް ބާއްވަން އެދުމުން، ބައްދަލުވުން ހަމަޖައްސާފައި ވަނިކޮށް، އެ ފަރާތުން ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު