ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ވާ ހާލަތްތަކެއް ހިމަނައި ގާނޫނަށް އިސްލާހު ކުރަން ހުށަހަޅާފައިވާ ކަމަށާއި އޭރުން ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމަށް އެންވަޔަމެންޓް މިނިސްޓްރީން ބުނެފިއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ނަގަން ވަނީ ފަށައިފިއެވެ. އެހެންވެ ކޮތަޅު ބޮނޑީގެ އަގު ވަނީ ކުރިއަށް ވުރެ ބޮޑުވެފައެވެ.

އެކަމާ ގުޅިގެން އެންވަޔަރުމެންޓް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުގައިވާ ގޮތުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާ ފީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށެވެ.

"ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ އެއް ދައްކަން ޖެހޭ. އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާގެ ފީ އެއް ދައްކަން ޖެހޭ،" މިނިސްޓްރީން ބުންޏެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތަށް ފެތޭ 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް އެ ގާނޫނު ފޮނުވި އިރު ހިމާނާފައިވާނެ ކަމަށެވެ.

"މި މާއްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީވެ، ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތައް ހައްލު ހޯދައިދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެގޮތުން އެ އިސްލާހުތައް ވަނީ މިދިޔަ މާޗު މަހު ހުށަހަޅާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި އިސްލާހު މަޖިލީހުން ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލު ލިބިގެންދާނެ" މިނިސްޓްރީން ބުންޏެވެ.

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކޮތަޅުން ދެ ރުފިޔާގެ ފީ ނެގުމެއް އިސްތިސްނާވެގެންވާ ވިޔަފާރިތަކަކީ ޑިއުޓީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް ބަންދުކުރާ ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ދޫކުރާ ނުވަތަ ވިއްކާ ޑަސްބިން ކޮތަޅުއެވެ.