ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023 ފައިނަލަށް، މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ދަތުރުކޮށްފިއެވެ.
ޓާފް އެއް ނަންބަރު ދަނޑާއި ދެ ނަންބަރު ދަނޑުގައި އިއްޔެ ވެޓެރަންސް ލީގުގެ ސެމީ ފައިނަލް މެޗުތައް ކުރިއަށް ގެންގޮސްފައިވާ އިރު، ހުޅުމާލެއިން ފައިނަލް ޔަގީންކުރީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) 1-0 އިން ބަލިކޮށްގެންނެވެ. އިއްޔެ ކުޅުނު އަނެއް ސެމީގައި ކ. މާފުށީގެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ 3-2 އިން ހުއްރިއްޔާ ވެޓަރަންސް ޓީމު (ހުރާ) ބަލިކޮށްފައެވެ.
އިއްޔެ ސޮކަ މޭޓްސް ކޮލަށް ހުޅުމާލެ ވެޓެރަންސްގެ ހަމައެކަނި ގޯލު، ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ޖަހައިދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ. އެ ގޯލަކީ މަޖިއްޓެ އޭރިއާ ތެރެއަށް ވަދެ ސޮކަ މޭޓްސްގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) ކައިރިންވެސް ނައްޓާލައިފައި ޖެހި ގޯލެކެވެ.
އިއްޔެގެ ދެވަނަ ސެމީ މެޗުގައި ފުރަތަމަ ދަ ގްރާންޑޭން ލީޑު ނެގީ ކެޕްޓަން، އިބްރާހިމް ޝަރީފް ޖެހި ގޯލުންނެވެ. އެ ގޯލަށް މާ ގިނައިރުތަކެއް ނުވަނީސް ހުރާގެ ކެޕްޓަން މައުސޫމް އަބްދުލް ގަފޫރު (މާސޭ) ޖެހި ގޯލުން އެއްވަރު ކޮށްފައިވާ އިރު، ދަ ގްރާންޑޭ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ އަލީ ނާޝިދު ނެގި ހުރަހަކުން ވަން ގޯލަކުންނެވެ. އޭގެ ފަހުން ދަ ގްރާންޑޭ ޓީމުގެ ހުސެއިން ޝަރީފް ވަނީ އިތުރު ގޯލެއް ޖަހައި، ދެ ގޯލުގެ ލީޑެއް ނަގައިދީފައެވެ.
ހުރާގެ ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން ހުސެއިން ނަސީރު ޖެހި ގޯލެކެވެ.
ވެޓަރަންސް މުބާރާތުގެ ފައިނަލުގައި ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓަރަންސް ކުޅޭ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހަވީރުއެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް